ވޯލްޑް ކަޕްގެ ގްރޫޕް ބީ އިން ދެ ވަނަ ބުރަށް ގޮސްފައިވާ ދެ ޓީމުގެ ވަރުގަދަ ކުރިމަތިލުމަކަށްފަހު، ޗިލީ ބަލިކޮށް ގްރޫޕް އެއް ވަނަ ނެދަލޭންޑްސުން ހޯދައިފި އެވެ.

ބްރެޒިލްގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ސައޮ ޕޯލޯގެ އެރީނާ ޑި ސައޮ ޕޯލޯ ސްޓޭޑިއަމްގައި ޗިލީއާ ދެކޮޅަށް ނެދަލޭންޑްސް ކުޅުނު މެޗުގެ ފުރަތަަމަ ހާފްގެ ކުޅުން ނިމުނީ ދެ ޓީމް ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެވެ.

ދެ ކާޑޫ ހަމަވުމުގެ ސަބަބުން މިރޭގެ މެޗަށް ސަސްޕެންޑު ވެފައި ހުރި ނެދަލެންޑްސްގެ ތަޖުރިބާކާރު ފޯވާޑް ކެޕްޓަން ރޮބިން ވެން ޕަރސީ އާއި ނުލައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހާ ލީޑް ނަގާނެ ގިނަ ފުރުސަތު ތަކެއް އެ ޓީމަށް ލިބުނެވެ. އެގޮތުން މެޗު ފަށައިގެން މާ ގިނައިރު ތަކެއް ނުވަނީސް ޗިލީގެ ގޯލަށް ރޮބެން ވަނީ ބާރު ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް ރޮބެން ފޮނުވާލި ބާރު ބޯޅަ ދިޔައީ ޗިލީގެ ގޯލާ ދިމާލުން ބޭރަށެވެ.

ވެންޕާސީގެ ބަދަލުގައި މިރޭގެ މެޗުގައި ނެދަލެންޑްސް ޓީމުގެ ކެޕްޓަން ކަން ކުރީ ރޮބެން އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 77 ވަނަ މިނެޓުގަ އެވެ.ނެދަލެންޑްސުން ޖެހި އެ ލަނޑު ކާމިޔާބު ކޮށްދިނީ 75 ވަނަ މިނެޓުގައި ކުޅެން ނުކުތް ޒުވާން މިޑްފީލްޑަރު ލެރޯ ފާ އެވެ. އަދި މެޗުގައި ނެދަލެންޑްސްއަށް ލީޑް ފުޅާ ކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް މެމްފިސް ޑިޕޭ އެވެ. އިތުރު ވަގުތުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް، އޭނާ އެ ގޯލް ކާމިޔާބުކޮށްދިނީ ކައުންޓާ އެޓޭކުގައި ރޮބެން ނަގައިދިން ހުރަހަކުންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނެދަލެންޑްސް މި ގްރޫޕްގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއިއެކު އެވެ. ދެވަނައިގައި ހަ ޕޮއިންޓާއިއެކު ޗިލީ އޮތްއިރު ސްޕެއިން ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާއިއެކު އެވެ. ކުޅުނު ތިން މެޗުންވެސް ބަލިވެ އޮސްޓްރޭލިއާ ހަތަރުވަނައިގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި އެވެ.

މި ގްރޫޕްގެ ދެ ވަނަ ބުރަށް ގޮސްފައިވާ ދެ ޓީމަކީ ނެދަލެންޑްސް އާއި ޗިލީއެވެ. ދެވަނަ ބުރުގައި އެ ދެ ޓީމް ބައްދަލުކުރަން ޖެހޭނެ ޓީމް ކަށަވަރު ވާނީ ގްރޫޕް އޭ ގައި މިރޭ މެންދަމު ކުޅޭ މެޗަށްތަކަށްފަހު އެވެ.