ފަޅު ރަށްތަކުގައި ދިވެހި އިންވެސްޓަރުން ގެސްޓް ހައުސް އަޅައިގެން، ޓޫރިސްޓް ވިޔަފާރި ކުރުމުގެ މަޝްރޫއު ސަރުކާރުން މިރޭ އިފްތިތާހުކޮށްފި އެވެ. ސަރުކާރުން އެ ސިޔާސަތަކަށް ދީފައިވާ ނަމަކީ "ގެސްޓް ހައުސް އައިލެންޑް ޕްރޮޖެކްޓް" އެވެ.

ނަސަންދުރާގައި ބޭއްވި ހަފްލާއެއްގައި އެ ޕުރޮޖެކްޓް ތައާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ.

ގެސްޓް ހައުސް ޕުރޮޖެކްޓްގެ ދަށުން ފުރަތަމަ ތަރައްގީ ކުރާ ރަށަކީ ލ. ތުނބުރި އެވެ. އެ ރަށް ތަރައްގީ ކުރަނީ ދިވެހި މެދު ފަންތީގެ ވިޔަފާރިންތަކަށް ފުރުސަތު ދީގެންނެވެ. އެޕުރޮޖެކްޓްގެ ދަށުން އެ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދެނީ ތަފާތު އެކިއެކި ކުންފުނިތަކަށެވެ. އަދި އެމަޝްރޫއުގެ ދަށުން ޓޫރިޒަމް ދާއިރާގައި މިހާރު ބޮޑެތި އިންވެސްޓްތައް ނުކުރާ ކުންފުނިތަކަށް އިސްކަންދެ އެވެ. އެޕުރޮޖެކްޓްގެ ދަށުން ތުނބުރީގައި 2100 އެނދު ތަރައްގީ ކުރެވޭއިރު އެ ރަށުން 4000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުންޏެވެ.

ގެސްޓް ހައުސް އައިލެންޑް ޕްރޮޖެކްޓް އިފްތިތާހު ކުރި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެޕުރޮޖެކްޓް ތައާރަފް ކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ޕުރޮޖެކްޓާއެކު ސަރުކާރުގެ ވިސްނުމަކީ ޓޫރިޒަމް ދާއިރާގައި ތަފާތު ގޮތްތަކެއް ގެންގުޅުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެޕުރޮޖެކްޓްގެ ސަބަބުން އިންވެސްޓް ކުރުމަށް ޒުވާނުންނަށް ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ. އަދި އެޕުރޮޖެކްޓްގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއިންޑަސްޓްރީއަށް ކުރިމަތިލާން ތިބި ޒުވާނުންތަކަކަށް ފުރުސަތު ދިނުމުގެ މައިގަނޑު މަސައްކަތް މިކުރެވެނީ، އާންމުކޮށް އެއް ރަށެއްގައި ރިސޯޓް ކޮންސެޕްޓް ޑިވެލޮޕް ކުރެވެން ނެތް ތަންތަނުގައި އަޅުގަނޑުމެން މި ގަސްތުކުރަނީ ތުނބުރި ކޮންސެޕްޓް ތަރައްގީކުރަން،" ރައީސް ވިދާޅުވިއެވެ.
ގެސްޓް ހައުސް އައިލެންޑް ޕްރޮޖެކްޓް އިފްތިތާހު ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެމަނިކުފާނު ވިދާޅުވީ ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި 17 ރިސޯޓް މި ސަރުކާރުން ހުޅުވާނެ ކަމަށެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ވިދާޅުވީ މިރޭ ތައާރަފް ކުރި ޕުރޮޖެކްޓްގެ ސަބަބުން މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ފަސޭހައިން ޓޫރިޒަމްގެ ވިޔަފާރިތެރެއަށް ވަދެވޭނެ ކަމަށެވެ. އަދި ތުނބުރި ފަދަ ޕުރޮޖެކްޓްތައްކުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަން ހީނަރު ސަރަހައްދުތަކަށް ވެސް ތައާރަފް ކުރެވިގެންދާނެ ކަމަށް އަދީބު ވިދާޅުވި އެވެ. ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ތުނބުރިއަށް އިސްވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އުންމީދަކީ މިއަހަރު ތެރޭގައި އެ ރަށުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވެސް އަދީބް ވިދާޅުވި އެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ މިނިސްޓްރީން ލޯނުތައް ދޫކުރާއިރު ތުނބުރި ޕުރޮޖެކްޓް ފަދަ ޕުރޮޖެކްޓްތަކަށް ހާއްސަ ކޮށްގެން އިންވެސްޓް ކުރާނެ ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ގެސްޓް ހައުސް އައިލެންޑް ޕްރޮޖެކްޓް އިފްތިތާހު ކުރި ރަސްމިއްޔާތުގެ ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން