ދ. އަތޮޅު ފެރީގެ އިންޖީނު ހަލާކުވެ އެ އަތޮޅުގެ އެކި ރަށްތަކުން ކުޑަހުވަދޫއަށް ދިޔަ މީހުން އެރަށުގައި ތާށިވެއްޖެ އެވެ.

އެ ފެރީން ދަތުރުކުރި މީހަކު "ސަން" އަށް ބުނީ، އެ އަތޮޅު ރިނބުދޫ އާއި މީދޫ އާއި ބަނޑިދޫ އަދި ހުޅުދެލީގެ 33 ވަރަކަށް މީހުން ފެރީން މިއަދު ކުޑަހުވަދޫއަށް ދިޔަ ކަމަށެވެ.

ކުޑަހުވަދޫއަށް ދެވުނީ ހެނދުނު 10:15 އެހައިކަންހާއިރު ކަމަށާއި އެނބުރި ފުރަން ހަމަޖެހިފައި އޮތީ މެންދުރުފަހު 2:00 ކަމަށްވެސް އޭނާ ބުންޏެވެ.

ނަމަވެސް ހަމަޖެހިފައި އޮތް ގަޑިއަށް ފުރަން ދިޔުމުން ފެރީގެ އިންޖީނު ހަލާކުވެފައިވާތީ ދަތުރުކުރެވެން ނެތް ކަމަށް ފެރީން ބުނެފައިވާ ކަމަށް އެމީހާ ބުންޏެވެ.

"ފުރަން ދިޔުމުން ފެރީގައި ތިމި މީހުން ބުނީ ދަތުރު ކުރެވޭކަށް ނެތޭ އިންޖީނުގައި މައްސަލަ ޖެހިއްޖެޔޭ. ފާހަގަކޮށްލަން ބޭނުން ހުޅުދެލިން ފެރީ ނައްޓާލި އިރު ވެސް އެލާމް އަޅަ އަޅައި ހުރީ،" ސަންއާ ވާހަކަދެއްކި މީހާ ބުންޏެވެ.

ހުޅުދެލީ އަށް ނިސްބަތްވާ އެމީހާ ބުނީ އެފެރީން ދަތުރުކުރި ހުޅުދެލީ މީހުން މިރޭ އެނބުރި ރަށަށް ދިޔައީ 2000ރ. ޚަރަދުކޮށްގެން މަސް ދޯންޏެއްގައި ކަމަށެވެ.

ކުޑަހުވަދޫއަށް ދިޔަ އެހެނިހެން ރަށްތަކުގެ މީހުން އެމީހުންގެ ރަށްތަކަށް އެނބުރި ނުދެވިފައި އެބަ ތިބި ކަމަށާއި އެމީހުންގެ ތެރޭގައި ސްކޫލު ދަރިވަރުންނާއި ބައެއް ސަރުކާރުގެ މުވައްޒަފުންވެސް ތިބި ކަމަށް އޭނާ ބުންޏެވެ.

ދ. އަތޮޅު ކައުންސިލްގެ ރައީސް ހަމްދީ އަބްދުﷲ ވިދާޅުވީ ފެރީގެ އިންޖީނުގައި މައްސަލަ ޖެހުނު ނަމަވެސް އެއިން ދަތުރު ކުރި އެންމެން، އެމީހެއްގެ ރަށަށް ގެންދިޔުމަކީ ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ "ވާ މިލިއަން" ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މާދަމާ ރަސްމީކޮށް އެކުންފުންޏާ ވާހަކަދައްކައި، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެމައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

"މ. ފ. އަދި ދ. އަތޮޅަށް ފެރީގެ ޚިދުމަތް ދިނުމަށް ވާ މިލިއަން ކުންފުންޏާ ހަވާލުކޮށްފައި ވަނީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން. އަދި ކުންފުންޏަށް ސަރުކާރުން ވަނީ ދެ ފަޅުރަށް ދީފައި. އެހެންވީމަ ފެރީގެ އިންޖީނުގައި މައްސަލަ ޖެހުނަސް އޭގެން ދަތުރު ކުރި އެންމެން އެނބުރި އެމީހެއްގެ ރަށަށް ގެންދިޔުމަކީ އެ ކުންފުނީގެ ޒިންމާއެއް،" ހަމްދީ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފެރީގެ ޚިދުމަތްދޭ ވާ މިލިއަން ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.