23 Jun 2014, 23:10
މިހާރު ކުރިއަށް 34 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ޔޫއެން ފްރެންޑްސްއިން ކަށަވަރު ކޮށްފި އެވެ.
ޔޫއެން ފްރެންޑްސްއިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ މިރޭ ސްޓިންގާސް ބާސްކެޓްބޯލް ކްލަބާ ވާދަކޮށް 81 ޕޮއިންޓް 61 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މިރޭ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫއެންޑް ފްރެންޑްސްގެ އަބްދުﷲ އަމްޒަރެވެ.
މިރޭގެ މެޗުން ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ބަލިވި ނަމަވެސް އެޓީމަށް ފައިނަލަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލް މެޗުން މޮޅުވެގެންނެވެ.
މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުގައި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ނުކުންނާނީ ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރެޑްލައިން ކުލަބްގެ މައްޗަށް 56 ޕޮއިންޓް، 37 ޕޮއިންޓުން ކުރި ހޯދި ޕީކޭއާ ދެކޮޅަށެވެ. އަދި އެމެޗުން ޕީކޭ މޮޅުވެއްޖެ ނަމަ، ފައިނަލަށް ދަތުރު ކުރާނީ ޕީކޭއެވެ.
ސްޓިންގާސް ބާސްކެޓްބޯލް ކްލަބާ ދެކޮޅަށް ކުލަބް ޕީކޭ ބައްދަލުކުރާ ތިން ވަނަ ސެމީ ފައިނަލް މެޗް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
ޖުމްލަ ހަތް ޓީމާއެކު ކުރިޔަށްދާ މިމުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30ގައެވެ. މެޗު ކުޅޭނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
ހުސްވި އަހަރު ބޭއްވި މިމުބާރާތުގެ ފައިނަލް މެޗުގައި ދަ ބައުސް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސް އެވެ.