ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ގިނަ ގޯސްތައް މާދަމާ މާޒިޔާއާ ދެކޮޅަށް ކުޅޭއިރު ތަކުރާރު ނުވާނެ ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު ޝާހިދު (ޝާޑު) ބުނެފިއެވެ.

ދިރާގް ދިވެހި ލީގުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ވެލެންސިއާ، ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ ދެޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.

މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޯޗް ޝާޑް ބުނީ، މަދަމާގެ މެޗުން ވެލެންސިޔާ އިން ބަދަލުތަކެއް ފެންނާނެ ކަމަށާއި މާދަމާގެ މެޗުގައި ވެލެންސިޔާއިން މަސައްކަތް ކުރާނީ ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ރަގަނޅު ކޮށް ގޯލުޖެހުމަށް ކަމަށެވެ.

"ޓީމުގައި ސީރިއަސް އަނިޔާގެ މައްސަލައެއް ނެތް. ބޮޑަށް ވިސްނާނީ ޑިފެންސިވް ގޭމަކަށް. މާދަމާގެ މެޗުގައި ބަދަލުތަކެއް ޓީމުން ފެންނާނެ،" ޝާޑް ބުންޏެވެ.

ޝާޑް ބުނީ، ވެލެންސިއާ އޮތީ މާދަމާގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެ ކަމަށާއި އިދިކޮޅަށް ނުކުންނަ މާޒިޔާ ޓީމުގައި ގައުމީ ޓީމަށް ކުޅޭ 11 ނުވަތަ 10 ވަރަކަށް ކުޅުންތެރިން ތިބި ކަމުގައިވިޔަސް އެއީ މާބޮޑު މައްސަލައެއް ކަމަކަށް ނުދެކޭނެ ކަމަށެވެ. އަދި އެޓީމް މެޗަށް ނިކުންނާނީ މޮޅެއް ހޯދުމުގެ ނިޔަތުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗް ފަށާނީ މާދަމާ ހަވީރު 4:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.