23 Jun 2014, 21:00
ފިފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގެ އެންމެފަހު މެޗުގައި އިންގްލެންޑާއި ކޮސްޓަ ރިކާ ވާދަކުރާ މެޗްގެ ކެޕްޓަނަކަށް ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑު ހަމަޖައްސައިފިއެވެ.
މިފަހަރުގެ ވޯލްޑުކަޕްގައި މިހާތަނަށް ކުޅެފައިނުވާ ލަމްޕާޑު، މާދަމާ ރޭ ކުޅޭ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގެ ކެޕްޓަނަކަށް ހަމަޖެއްސި އިރު، އިންގްލެންޑު ވަނީ ވޯލްޑު ކަޕުން އަލްވަދާއު ކިޔާފައެވެ.
އިންގްލޭންޑުގެ ކޯޗު ރޯއީ ހޮޖްސަން ބުނީ ނިމިދިޔަ ދެ މެޗުގައި ނުކުޅޭ ކުޅުންތެރިންނަށް އެ މެޗުގައި ކުޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އުމުރުން 36 އަހަރުގެ ލަމްޕާޑްގެ ބަދަލުގައި މިފަހަރުގެ ވޯލްޑު ކަޕްގައި އިންގްލެންޑްގެ މެދުތެރޭގައި ކުޅެމުން އައީ ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އެވެ. ލަމްޕާޑު އިނގިރޭސި ގައުމީ ޓީމަށް 105 މެޗު ކުޅެދީފައިވާއިރު، 29 ގޯލް އޭނާ ކާމިޔާބުކޮށްދީފައިވެއެވެ.
އެންމެފަހުން ލަމްޕާޑް ކެޕްޓަންކަން ކޮށްފައި ވަނީ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗްގައެވެ. 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންގެ ޖޯޒީގައި ލަމްޕާޑު ނުކުތް ފުރަތަމަ ފަހަރެވެ. ލަމްޕާޑަކީ އިންގްލެންޑް ޓީމަށް 100 މެޗް ހަމަކުރި އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އެންމެފަހުން އޭނާ ލަނޑެއް ކާމިޔާބުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހު އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
މިފަހަރުގެ މުބާރާތުގައި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމްގެ ކެޕްޓަން ސްޓީވަން ޖެރާޑް ފުރަތަމަ އެގާރައިން ފެނިފައެއް ނުވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މުބާރާތަށްފަހު ޖެރާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެއެވެ. އިންގްލެންޑްގެ ކޯޗު ހޮޖްސަން ބުނީ ޖެރާޑް 2016 ވަނަ އަހަރުގެ ޔޫރޯއާ ހަމަޔަށް އެޓީމްގައި ބަހައްޓަން ބޭނުންވާ ކަމަށެވެ. ލަމްޕާޑް ގަބޫލުކުރާގޮތުން މިއީ އިންގްލެންޑްގެ ގައުމީ ޓީމަށް އެނާ ކުޅޭނެ ފަހުމެޗަށް ވުންވެސް ކައިރިއެވެ. މި މެޗުގެ ފުރަތަމަ އެގާރައިގައި ލޫކް ޝޯ އާއި ރޮސް ބާކްލީ އަށް ފުރުސަތު ދޭނެކަމަށް ބެލެވެއެވެ.
އިންގްލެންޑްއާއި ކޮސްޓަރީކާ ވާދަކުރާ މެޗު ފެށުމަށް ހަމަޖެހިފަވަނީ މާދަމާރޭ 9:00 ގައެވެ.