23 Jun 2014, 20:55
ދިރާގު ދިވެހި ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.
ކުރީގެ ވާދަވެރި ދެ ކްލަބު ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 3-0 ލަނޑުން ނިއު މޮޅުވެގެންނެވެ. މި މެޗަށް ނިއު ނުކުތީ ގިނަ ބަދަލުތަކަކާއެކު އެވެ. އެގޮތުން މި މެޗުގެ ފުރަތަމަ އެގާރައިން ގައުމީ ޓީމުގެ ޑިފެންޑަރު އަކްރަމް އަބްދުލްޣަނީ އަދި މުހައްމަދު ނިޔާޒު ފެނިފައެއް ނުވެ އެވެ.
ފުރަތަމަ މެޗުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އާ ދެކޮޅަށް ދެއްކި މޮޅު ކުޅުން މިއަދުގެ މެޗުގައި ނިއުގެ ފަރާތުން ފެނިފައެއް ނުވެއެވެ. މެޗުގެ ތިންވަނަ މިނެޓްގައި ވިކްޓަރީއަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބުނެވެ. ނަމަވެސް ކެޕްޓަން ހުސައިން ޝިމާޒް (ކޮކީ) ނަގައިދިން ހުރަހުގެ ބޭނުން ކެނޑުނީ އެ ބޯޅައަށް ނިއުގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދު ހުރަސް އެޅުމުންނެވެ.
މެޗުގެ 17 ވަނަ މިނެޓްގައި ނިއުއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން އޮއްޕޮ ފޮނުވާލި ހަމަލާ ދިޔައީ ވިކްޓަރީގެ ގޯލްކީޕަރު އާތިފް އަހްމަދުގެ އަތް މަތިން ގޯލަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް، ނަތީޖާ ހަމަހަމަ ކުރުމަށް ވިކްޓަރީއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ކީޕަރު އިމްރާން ކައިރިން ނައްޓާލުމަށް ވިކްޓަރީގެ ކޮކީ ޖެއްސި ބޯޅަ ކޮންޓްރޯލް ނުވެ ދިޔައީ ބޭރަށެވެ.
ދެވަނަ ހާފު ފެށިތާ 10 މިނެޓް ފަހުން ނިއުއަށް ލީޑު ފުޅާކޮށްދިނީ މި ސީޒަނަށް އެ ޓީމަށް އަލަށް ގެނައި ނެދަލޭންޑްސް ފޯވަޑް ޖަމާލް ޑިބީ އެވެ. ނިއުއަށް ޑިބީ ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އެ ޓީމުގެ ސްޕެއިން ކުޅުންތެރިޔާ ޑޭވިޑް ކާމޯނާ އެވެ.
ނިއުއިން ކާމިޔާބުކުރި ފަހު ލަނޑު ފެނިގެން ދިޔައީ މެޗުގެ އެންމެ ފަހު މިނެޓްގައެވެ. މުހައްމަދު އުމެއިރު ފޮނުވާލި ހިލޭ ޖެހުމެއް ވިކްޓަރީގެ ކީޕަރު އާތިފް ދިފާއުކުރިތަނާ، ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ހަމްޒަތު މަހައްމަދު (ހަމްޕު) އެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިއުގެ ކޯޗު އިސްމާއިލް އަނިލް ބުނީ، ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓަރީއަށް ކުޅެފައި ކޯޗެއްގެ ގޮތުގައި ނިއުއަށް އިރުޝާދު ދިން މި މެޗަކީ އޭނާ އަށް ވަރަށް ތާރީހީ މެޗެއް ކަމަށެވެ. އަދި ކޮންމެ މެޗެއްގައި އެއް ކުޅުމެއް ނުދެއްކޭނެ ކަމަށާއި ކޮންމެ މެޗަކަށް ވެސް ނުކުންނާނީ ތަފާތު ރޭވުންތެރިކަމާ އެކު ކަމަށް އޭނާ ބުންޏެވެ.
ވިކްޓަރީގެ ކޯޗު މުހައްމަދު އާތިފް ބުނީ، މެޗުން ބަލިވި ނަމަވެސް އެޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މެޗުން ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބުނަސް، ކުރިއަށް ހުރި މެޗުތަކަށް ވިކްޓަރީ ނުކުންނާނީ ކުޅުން އިތުރަށް ރަނގަޅު ކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.
ދިރާގު ދިވެހި ލީގުގައި މާދަމާ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ވެލެންސިއާ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ.