23 Jun 2014, 20:53
އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕު ކާމިޔާބު ކުރުމުގެ އުންމީދުގައި ތިބި ބްރެޒިލްގެ ސަޕޯޓަރުން އެ ޓީމުގެ ތަރި ނޭމާއަށް ބަރޯސާވުން ރަނގަޅު ކަމުގައި ބްރެޒިލްގެ ފޯވަޑް ފްރެޑް ބުނެފި އެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި 'ސެލަކާއޯ' ސަޕޯޓަރުންގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި ވަނީ ނޭމާއަށް ސަޕޯޓް ކުރުމެވެ. ބްރެޒިލްއަށް ހަ ވަނަ ވޯލްޑް ކަޕް ތަށި ހޯދައިދިނުމަށް މަސައްކަތްކުރާ ނޭމާ ވަނީ މި ވޯލްޑް ކަޕުގައި އެ ޓީމަށް ޕެނަލްޓީއަކާ އެކު ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ.
"ޓީމަށް ތަފާތެއް ގެނެސްދޭ ކުޅުންތެރިޔަކީ ނޭމާކަން އެންމެންނަށް ވެސް އެނގޭ،" 'އެލް އިކުއިޕް'އަށް ދިން އިންޓަވިއުއެއްގައި އުމުރުން 30 އަހަރުގެ ފޯވަޑް ފްރެެޑް ބުންޏެވެ. "އަހަރެމެނންނާ އިދިކޮޅަށް ނުކުންނަ ޓީމުތަކުން ކުޅޭ ސިސްޓަމް ބަދަލުކުރަން މަޖުބޫރުވަނީ ނޭމާއާ ހެދި. ޓީމުގައި ނޭމާ ނެތް ހާލަތެއްގައި އަހަރެމެންނަށް ޖެހޭނީ އެހެން ގޮތެއް ވިސްނަން. މިހާރު އަހަރެމެން ވެސް ބަރޯސާވަނީ ނޭމާ އަށް."
ލުއިޒް ފެލިޕޭ ސްކޮލާރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބްރެޒިލް، ގްރޫޕް ސްޓޭޖުގައި ކުޅޭ އެންމެ ފަހު މެޗުގައި ނުކުންނަން ޖެހޭނީ މުބާރާތުން ކަޓާފައިވާ ކެމަރޫންއާ ދެކޮޅަށެވެ. ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައިވާ ބްރެޒިލް މި މެޗަށް ނުކުންނާނީ މިރޭ 01:00 ގައެވެ.