މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ފުރަތަމަ އަމާޒަކީ ދިރާގު ދިވެހި ލީގް ކާމިޔާބު ކުރުން ކަމަށް މާޒިޔާގެ އާ ކޯޗް އަލީ ސުޒޭން މިއަދު ބުނެފި އެވެ.

ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ ދިވެހި ލީގުގައި މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ، މާދަމާގެ މެޗަކީ އޭނާއަށް ވަރަށް މުހިންމު މެޗެއް ކަމަށެވެ. ދިގު މުއްދަތަކަށްފަހު ކޯޗެއްގެ ހައިސިއްޔަތުން ދަނޑަށް ނުކުންނައިރު، އުންމީދަކީ ފުރަތަމަ މެޗުން ވެސް ތިން ޕޮއިންޓް މާޒިޔާއަށް ހޯދައިދިނުން ކަމަށް ސުޒޭން ބުންޏެވެ.

"މާދަމާގެ މެޗަކީ އަހަރެންނަށް މުހިންމު މެޗެއް. ދިގު ބްރޭކަކަށްފަހު މާޒިޔާ ގޮވައިގެން މިނުކުންނަނީ އެޓީމަށް ތިން ޕޮއިންޓް ހޯދަދިނުމަށް. އަހަރެން މާޒިޔާގެ ކޯޗް ކަމާ ހަވާލުވީ އަމާޒަކާއެކު. މާދަމާގެ މެޗަށް ނުކުންނައިރު އަނިޔާގެ މައްސަލައެއް ޓީކަމު ނެތް. އަހަރެންގެ ފުރަތަމަ އަމާޒަކީ ލީގް ކާމިޔާބު ކޮށްދިނުން. އޭނގެ ފަހުން އިތުރު ކަންތައްތަކަށް ވިސްނާނީ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، ވެލެންސިއާއަކީ ބަލި ޓީމެއް ނޫން ކަމަށާއި އެ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ތިބިކަން އިނގޭ ކަމަށެވެ. އެހަންކަމުން މެޗަށް ނުކުންނާނީ ވަރަށް ވިސްނައިގެން ކަމަށް ސުޒޭން ބުންޏެވެ.

"ވެލެންސިއާ އަކީ ބަލިޓީމެއް ނޫން. އެ ޓީމްގައި ވެސް ތަޖުރިބާކާރު ކުޅުންތެރިން އެބަތިބި. ޔޫތު ކުޅުންތެރިން ވެސް އެޓީމްގައި އެބަތިބި. އެދެބައި އެއް ކޮލާފިއްޔާ ވެލެންސިއާ ގޯހެއް ނުވާނެ. ވެލެންސިޔާއާ ދެކޮޅަށް ނުކުންނާނީ އެވަރު ވިސްނައިގެން،" ސުޒޭން ބުންޏެވެ.

ދިރާގު ދިވެހި ލީގުގައި މާޒިޔާ ކުޅުނު ފުރަތަމެ މެޗުން އެ ޓީމް ވަނީ ބިޖީއާ ދެކޮޅަށް ކުޅެ 2-2 ލަނޑުން އެއްވަރުވެފަ އެވެ. އަދި އެ މެޗަށް ފަހު މާޒިޔާގެ ކޯޗަކަށް ހުރި އިސްމާއިލް މަހްފޫޒް (އިންމަ) ވަނީ ކޯޗް ކަމުން އިސްތިއުފާ ދީފައެވެ.

ދިރާގް ދިވެހި ލީގުގައި ވެލެންސިއާ އާއި ދެކޮޅަށް މާޒިޔާ ކުޅޭ މެޗް ފަށާނީ މާދަމާ ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.