މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރިއަށް އޮތް ދައުރަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި އެކްޓިވް މީޑިއާތަައް ފިޔަވައި އެހެން ބަޔަކަށް ވޯޓު ނުލެވޭނެ ގޮތް ހެދުމަށް މޯލްޑިވްސް މީީޑިއާ ކައުންސިލުން އެދެފި އެވެ.

އެ ކައުންސިލުން އެ ގޮތަށް އެދުނީ މީޑިއާ ކައުންސިލްގެ އިންތިހާބު އިންތިޒާމް ކުރާ ޔޫތު މިނިސްޓްރީގަ އެވެ. އެމްއެމްސީ އިންތިހާބުގައި ވޯޓުލާނެ އުސޫލުތަކެއް ޔޫތް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ ސަމާލު ކަމަށް އެމްއެމްސީން ވަނީ ގެނެސްފަ އެވެ.

އެމްއެމްސީން ބުނީ، ވޯޓުލެވޭނެ ގޮތްތަކެއް ކައުންސިލުން ފާސްކޮށް، ޔޫތް މިނިސްޓަރުގެ ސަމާލުކަމަށް ގެނައީ، ކުރިއަށް އޮތް ދައުރަށް އެ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބަކީ އެންމެންނަށް ގަބޫލުކުރެވޭ މިންގަނޑެއްގައި ބޭއްވޭ އިންތިހާބަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން ގަވާއިދުން ނެރެމުންދާ ނޫސް މަޖައްލާތަކާއި ޓީވީ އަދި ރޭޑިއޯ ތަކަށްވުރެ ގަވާއިދުން ނެރެމުންނުދާ ތަންތަން ގިނަވެފައިވާ އޮތުމުގެ ސަބަބުން އެ ތަންތަނުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ކައުންސިލް މެންބަރުން ފާހަގަކުރެއްވި އެވެ.

"އިންތިހާބް ކޮންޓްރޯލް ކުރާ ފަރާތްތަކަކީ ރަޖިސްޓްރީ ކުރި ފަހުން ނުވަތަ ލައިސަންސް ދިން ފަހުން ހަރަކާތްތެރި ނުވާ ތަންތަނަށް ވެއްޖެނަމަ މީޑިއާ ކައުންސިލުގައި ހަރަކާތްތެރިނުވާ މީޑިއާތައް ތަމްސީލުވުމުގެ ފުރުސަތު އެބައޮތް،" ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަމަށް އެމްއެމްސީން ބުންޏެވެ.

އެގޮތުން މީޑިއާ ކައުންސިލުން ފާހަގަކޮށް މިނިސްޓަރުގެ ސަމާލުކަމަށްޓަކައި ފޮނުވި ކަންތައްތަކުގެ ތެރޭގައި އެމްއެމްސީގެ އިންތިހާބުގައި ވޯޓުދެވޭ މީޑިއާތަކަކީ ރަޖިސްޓްރީ ކުރިފަހުން ވޭތުވެދިޔަ ހަ މަސް ދުވަސް ގަވާއިދުން ނެރެމުންދާ ނޫސް މަޖައްލާތަކާއި އޮންލައިން ނޫހަކަށްވުން ނުވަތަ ހިންގަމުންދާ ޓީވީ ރޭޑިއޯއަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، ހަ މަސް ދުވަހު ހިންގަމުންދާ ތަނެއް ކަމަށް ކަށަވަރު ކުރުމަށް އެމްއެމްސީއާއި ޑިމޮކްރަސީއަށްޓަކައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއްގެ އިތުރުން ރާއްޖޭގެ މީޑިއާގެ ތެރެއިން އެޑިޓަރުގެ ފެންވަރު ހުރި ނޫސްވެރިންނާއި އެކު ކޮމެޓީއެއް މިނިސްޓަރު އެކުލަވާލުމަށް ހުށަހަޅާފައިވެ އެވެ.

ޕްރޮކްސީ ގަބޫލުކުރުމުގައި އުސޫލުތަކެއް ކަނޑައަޅައި ވޯޓުލާމީހާއަކީ އެތަނެއްގައި މަސައްކަތްކުރާ ފަރާތެއްކަން ކަށަވަރުކުރުމަށް ވެސް ކައުންސިލުން ވަނީ ޔޫތް މިނިސްޓަރުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

މީޑިއާ ކައުންސިލުން ޔޫތު މިނިސްޓްރީގެ ސަމާލު ކަމަށް ގެނައި ކަންތަތަކާ ގުޅިގެން މިނިސްޓަރު މަލީހު ވިދާޅުވީ އިންތިހާބު ބާއްވާނީ ވަކި ބަޔަކަށް ނަހަމަ ބޭނުން ނުކުރެވޭ ގޮތަށް ކަމަށާއި މީޑިއާ ކައުންސިލުން އެދިފައިވާ ކަންތައްތަކަށް އިންތިހާބު ބޭއްވުމުގައި ރިޔާއަތް ކުރައްވާނެ ކަމަށެވެ.

"މީޑިއާ ކައުންސިލުން ފާސްކޮށްފައިވާ ގަރާރު އަޅުގަނޑަށް އަދި ނުލިބޭ. އެ ގަރާރުގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ އިންސާފުވެރި އުސޫލުތަކަށް ރިޔާއަތް ކުރުމަށް ކޮމެޓީގައި އަޅުގަނޑު ދަންނަވާނަން،" ޔޫތު މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

އެމްއެމްސީ އިންތިހާބު ބޭއްވުމަށް މިނިސްޓްރީން ކޮމެޓީއެއް އެކުލަވާލައިފައިވާ ކަމަށާއި އެ ކޮމެޓީގެ މަސައްކަތުގެ ދަށުން މިމަހުގެ 30 ކުރިން އިންތިހާބު ބޭއްވުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.