23 Jun 2014, 18:09
ސަން މީޑިއާ ގްރޫޕުގެ ތަރައްގީ އާއި ކުރިއެރުން ފާހަގަކޮށް، ބިޒްނެސް އިނީޝިއޭޓިވް ޑައިރެކްޝަންސް (ބިޑް) ގްރޫޕުގެ ފަރާތުން ސަން މީޑިއާ އަށް ޚާއްސަ އެވޯޑެއް ދީފި އެވެ.
ސަން މީޑިއާ ގްރޫޕާ މި އެވޯޑް ހަވާލުކޮށްދެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި، ހަޔާތު ރީޖެންސީގެ ފަސްތަރީގެ ހޮޓަލްގައި، ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބިޑް ގްރޫޕުގެ ޕްރެސިޑެންޓް އަދި ސީއީއޯ ޖޯސް އީ ޕްރީޓޯ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 49 ގައުމަކުން 70 ފަރާތަކަށް އެވޯޑް ލިބިގެން ދިޔަ އެ ރަސްމިއްޔާތުގައި ސަން މީޑިއާ ގުރޫޕަށް ލިބުނު "އިންޓަނޭޝަނަލް ސްޓާ ފޮ ލީޑާޝިޕް އިން ކޮލިޓީ" އެވޯޑާ ހަވާލުވެވަޑައިގެންނެވީ ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން ޢަލީ އާއި ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި މާކެޓިންގް މެނޭޖަރު މިންހާ ފާއިޒް ރަޝާދެވެ.
http://www.sun.mv/albums/l_28361.jpg
ސަން މީޑިއާ ގްރޫޕަށް މި އެވޯޑް ދީފައި ވަނީ ގޯލްޑް ކެޓެގަރީ އިންނެވެ.
ބިޑްގެ އެވޯޑް ޚާއްސަ ކޮށްފައި ވަނީ ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ފަދަ ޚިދުމަތް ކުރާ ފަރާތްތަކަށާއި އެކި ފަރާތްތަކުން ހޯދާ ކުރިއެރުމާއި ކާމިޔާބާއި ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ޑިމޮކްރެސީ އާލާކުރުމަށް ކުރާ މަސައްކަތްތަކާއި އާ އުފެއްދުންތަކާއި ކޮލިޓީ ފަދަ ދާއިރާ ތަކަށެވެ.
ބިޑް ގްރޫޕުން އެވޯޑް ދިނުމަށް ނަންތައް ޝޯޓް ލިސްޓް ކުރަނީ އޮންލައިން ޕޯލިން އާއި އޮންލައިން ސާވޭ ފޯމުތައް މެދުވެރިކޮށާއި ފާއިތުވި 28 އަހަރު ދުވަހުގެ ތެރޭގައި ބިޑްގެ އެވޯޑް ހާސިލުކޮށްފައިވާ ފަރާތްތައް މެދުވެރިކޮށެވެ. އެގޮތުން ބިޑް ގްރޫޕަށް ހުށަހެޅޭ ނަންތައް ބިޑުގެ ޚާއްސަ ކޮމެޓީއަކުން ދިރާސާކުރެ އެވެ. އަދި އެ ފަރާތްތަކުން ގައުމީ ފެންވަރުގައި ކުރާ މަސައްކަތާއި އެ މަސައްކަތުގެ ފެންވަރު ވަޒަންކުރެ އެވެ. އެ ގޮތުން ބިޑް އެވޯޑަކީ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
http://www.sun.mv/albums/l_28364.jpg
ބިޑް ގްރޫޕު އުފައްދާފައި ވަނީ 1986 ވަނަ އަހަރު އެވެ. ފާއިތުވި 28 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުންފުނިތަކަކަށް ބިޑްގެ ފަރާތުން އެވޯޑް ދީފައިވެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ދެވަނަ އަށް އެންމެ ބޮޑު ބޭންކް ކަމަށްވާ އައިސީއައިސީއައި ބޭންކާއި އެންޓިވައިރަސް އިންޑަސްޓްރީގައި ނަން މަޝްހޫރު، ރަޝިއާގެ ކެސްޕާސްކީ ލެބާއި އޯޑިޓް ކުރުމުގައި ދުނިޔޭގެ އެންމެ އިސް ސަފުގައި ހިމެނޭ "ގްރޭންޓް ތޯންޓޮން، ރަޝިއާ" އާއި ގަތަރުގެ "ގާލާ ހޮސްޕިޓާލިޓީ" އާއި އިންޑިއާގެ ޓެކްނޮލޮޖީ ކުންފުނި "އެން ސީއާރް ކޯޕަރޭޝަން" އާއި "އިންޑިއަން އޮއިލް ކޯޕަރޭޝަން" (އައިއޯސީ) އާއި ކޮރެއާގެ "ކޮރެއާ އިލެކްޓްރިކް ޕަވާ ކޯޕަރޭޝަން" އާއި އިންޑިއާގެ "ރިލަޔަންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް" އާއި ދުނިޔޭގެ އެންމެ އުސް ބިލްޑިންގް ކަމަށްވާ ބްރިޖު ޚަލީފާ އިމާރާތް ކުރި "ޓާނާ ކޮންސްޓްރަކްޝަން" އާއި އިންޑިއާގެ "ޓާޓާ" ގްރޫޕް ހިމެނެ އެވެ. މީގެ އިތުރުން ވެސް ޓެކްނޮލޮޖީ އާއި ހޮސްޕިޓަލިޓީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި އިމާރާތް ކުރުމާއި ހަކަތަ އުފެއްދުން ފަދަ އެތައް ދާއިރާތަކަކުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ބިޑްގެ އެވޯޑް ލިބިފައިވެ އެވެ.
http://www.sun.mv/albums/l_28365.jpg
މި އަހަރު މި ސަރަހައްދުން މި އެވޯޑް ލިބުނު ގައުމުތަކުގެ ތެރޭގައި އިންޑިއާގެ ކުންފުންޏަކާއި ސްރީލަންކާ އާއި ޕާކިސްތާނުގެ އިތުރަށް ބަނގުލާދޭޝްގެ ކުންފުންޏެއް ވެސް ހިމެނެ އެވެ. އަދި މެލޭޝިޔާގެ ދެ ކުންފުންޏަކާއި އިންޑޮނޭޝިއާގެ ކުންފުންޏަކަށް ވެސް މި އަހަރު އެވޯޑް ލިބިފައިވެ އެވެ.
ސަން މިޑިއާ ގްރޫޕަށް ގޯލްޑް ކެޓެގަރީން މި އެވޯޑް ލިބިފައިވާ އިރު، ސަންގެ އުމުރުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ޚާއްސަ ކުރިއެރުމާއި ކާމިޔާބީ ބިޑުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2008 ވަނަ އަހަރު ހަމަ އެކަނި މާލެ އަށް ޚިދުމަތް ލިބޭ އެފްއެމް ރޭޑިއޯ އަކުން ފެށި ނަމަވެސް މިއަދު ސަންގެ ކުޑައިގެ ދަށުގައި ރޭޑިއޯ ސްޓޭޝަނަކާއި ޓީވީ ސްޓޭޝަނަކާއި ދިވެހި ބަހުން ހިންގާ އޮންލައިން ނޫހަކާއި އިނގިރޭސި ބަހުން ހިންގާ އޮންލައިން ނޫހެއްގެ އިތުރުން މަޖައްލާއެއް ހިމެނެ އެވެ. މީގެ އިތުރުން ސަން އިން ވަނީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ތެރެއަށް އާ ޓެކަނޮލޮޖީތައް ވެސް ތަޢާރަފުކޮށްފަ އެވެ.
ބިޑްގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިހާތަނަށް ބާއްވާފައި ވަނީ ލަންޑަންގަ އާއި ޕެރިސްގަ އާއި ނިއުޔޯކްގަ އާއި ސްޕެއިންގެ ވެރިރަށް މެޑްރިޑްގަ އާއި ޖަރުމަނުގެ ފްރާންކްފަޓްގަ އާއި ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ސްވިޒަލޭންޑުގެ ޖެނީވާގަ އެވެ.
http://www.sun.mv/albums/l_28366.jpg
ބިޑްގެ އެވޯޑާ އެކު ހަނދާނީ ލިޔުން ސަން މީޑިއާ އަށް ލިބިފައިވާ އިރު، ސަން މީޑިއާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ ލަފައާއި އިރުޝާދު ވެސް ކުރިޔަށް އޮތް ތަނުގައި ބިޑުގެ ފަރާތުން ދޭނެ އެވެ.
ބިޒްނެސް އިނީޝިއޭޓިވް ޑައިރެކްޝަންސް، (ބިޑް)ގެ އޮފީސް ހުންނަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑްގަ އެވެ.