23 Jun 2014, 18:03
އަލްޖަޒީރާ އިންގްލިޝްގެ ތިން ނޫސްވެރިންގެ މައްޗަށް މިސްރުގެ ކޯޓަކުން މިއަދު އިއްވި ހުކުމަކީ "މިނިވަން މީޑީއާއަށް އައި ކަޅު ދުވަހެއް"ގެ ގޮތުގައި ބައިނަލްއަގްވާމީ މީޑީއާ ތަކުންނާ އެކި ގައުމުތަކުގެ ސަރުކާރުތަކުން ސިފަކޮށްފި އެވެ.
އަލްޖަޒީރާގެ ތިން ނޫސްވެރިން ކަމަށްވާ، ޕީޓާ ގެސްޓްރޭ، މުހައްމަދު ފަހްމީ އަދި ބާހިރު މުހައްމަދުގެ މައްޗަށް މިސްރުގެ ކޯޓަކުން މިއަދު ވަނީ، މުސްލިމް ބްރަދަހުޑްއަށް އެހީތެރިވެދިން ކަމަށާއި އަދި ދޮގު ހަބަރުތައް ފެތުރިކަމުގެ ކުށުގައި ހަތް އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާފަ އެވެ.
މި މައްސަލަ ސަރުކާރުތަކާއި، ސޯޝަލް މީޑީއާ ބޭނުންކުރާ ފަރާތްތަކާއި ބައިނަލްއަގްވާމީ ނޫސްވެރިން އެކުގައި އެއް އަޑަކުން ކުއްވެރި ކުރަމުންދާއިރު، އިނގިރޭސިވިލާތާއި ނެދަލެންޑްސްގެ ސަރުކާރުން ބުނެފައި ވަނީ، އެ ހުކުމާ ގުޅިގެން އެ ދެ ގައުމުގައި ތިއްބެވި މިސްރުގެ ސަފީރުންނާ ސުވާލުކުރާނެ ކަމަށެވެ.
"މިނިވަން ތަހުގީގެއް ބާއްވަން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ހުކުމް އިއްވި އިރު ފުރިހަމަ ކޮށްފައެއްވެސް ނުވޭ،" ނެދަލެންޑްސްގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
އިނގިރޭސި ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގުގެ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މިސްރުގައި މިއަދު އެ ގައުމުގެ އަދި ބައިނަލްއަގްވާމީ ނޫސްވެރިންތަކެއްގެ މައްޗަށް އިއްވާފައި ވަނީ މާޔޫސްވާން ޖެހޭފަދަ ހުކުމެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވޭ، މިހާ އަވަސްއަރުވާލައިގެން މި ތަހުގީގު ކުރިއަށް ގެންގޮސްފައި ވާތީ. ދިފާއީ ވަކީލުންނަށް ހެކި ހުށަހަޅާނޭ ފުރިހަމަ ވަގުތުވެސް ދީފައި ނުވާކަން ފާހަގަކުރެވޭ،" ހޭގުގެ ބަޔާނުގައި ވެއެވެ.
ކެނެޑާ-މިސްރު ދަރިކޮޅަށް ނިސްބަތްވާ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ފަހްމީގެ ޝަރީއަތުގެ މަޖިލީހައް ހާޒިރުވެވަޑައިގެންނެވި ކެނެޑާ ސަފީރު ޑޭވިޑް ޑްރޭކް ވިދާޅުވީ، އެ ހުކުމުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަ ހުރި ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް މާޔޫސް ވެއްޖެ،" ޑްރޭކް ވިދާޅުވިއެވެ. "އަޅުގަނޑުމެން މިކަން ތަހައްމަލު ކޮށްލައިގެން އަދި މި ތިބެނީ... އަޅުގަނޑު މެން ވަރަށް ކަންބޮޑުވޭ މި ހުކުމުގެ ސަބަބުން."
އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ ގްރެސްޓޭގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން އޮސްޓްރޭލިޔާ ސަރުކާރުން ވެސް ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ. އެގައުމުގެ ބޮޑުވަޒީރު ޓޯނީ އެބޮޓް ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީގެ އަރިހުގައި ގްރެސްޓޭ އެފަދަ ކުށެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
"އޮސްޓްރޭލިޔާގެ ނޫސްވެރިޔާ ޕީޓާ ގްރެސްޓޭ ވަކިފަރާތަކަށް ޖެހިގެން ހަބަރެއް ނުފަތުރާނެ. އޭނާ ރިޕޯޓުކޮށްފައި ވަނީ، އޭނާގެ ކުރިމަތީގައި ހިނގާފައިވާ ކަންކަން. ޔަގީނުން ވެސް މުސްލިމް ބްރަދަހޫޑް ޕްރޮމޯޓް ކުރުމަށް އޭނާގެ ޝައުގުވެރިކަމެއް ނުހުންނާނެ،" އެބޮޓް ވިދާޅުވި އެވެ.
މިސްރުގައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ވޮޓް ވިދާޅުވީ މިކަމުގައި ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފި ކަމަށާއި "ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ފުރިހަމަ ޑިމޮކްރަސީއެއް ގާއިމް ކުރުމުގެ މުހިއްމު ބިންގަލެއް" ކަމަށެވެ.
ސޯޝަލް މީޑީއާ ބޭނުންކުރާ އެތަކެއް ހާސް ބަޔަކު ދަނީ އަލްޖަޒީރާގެ ނޫސްވެރިންގެ މައްޗަށް ގާހިރާގެ ކޯޓުން މިއަދު އިއްވި ހުކުމް ކުށްވެރި ކޮށް ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން އެ މީހުންދަނީ، #AJtrial and #FreeAJStaff ބޭނުންކޮށްގެން އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވައިލަމުންނެވެ.