23 Jun 2014, 17:07
ފ. ނިލަންދޫން އިން މާލެ ގެންނަން އުޅުނު ދެ އަންހެނުންގެ ތެރެއިން އެކަކު ލޯންޗު ތެރެއަށް މަރުވެ، އެކަކު އެ ރަށު މަގު މައްޗަށް ވިހައިފި އެވެ.
ފ. ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަބުދުލްމަޖީދު ވިދާޅުވީ ދ. ކުޑަހުވަދޫގައި އޮންނަ ސީ އެމްބިއުލާންސް އެ ރަށަށް ދިޔައީ ރޭ 10:40 ހާއިރު ކަމަށެވެ. ކައުންސިލަރު ވިދާޅުވީ މާބަނޑު މީހާ މަގު މައްޗަށް ވިހެއީ ސީ އެމްބިއުލާންސްގައި މާލެ ދާން ތައްޔާރުވެގެން ހުއްޓައި، ފާހާނާ އަށް ދާންޖެހިގެން ގެއަކަށް ވަންނަން ދިޔަ މަގުމަތީ ކަމަށެވެ. އަދި އެ ވަގުތު އަންހެން މީހާ ކައިރީ ތިބީ ހުސް ފިރިހެނުން ކަމަށާއި މާބަނޑު މީހާ މަގުމައްޗަށް ވިހެއުމުން ވަގުތުން އެރަށު ހެލްތު ސެންޓަރަށް ގެންދިޔައީ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ. އަދި އެ ދެމައިންގެ ހާލު ސީރިއަސްވިކަން އެނގިފައިނުވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ކައުންސިލަރު ވިދާޅުވީ ސީ އެމްބިއުލާންސްގައި މާލެ ގެންދަނިކޮށް މަރުވި އަންހެން މީހާއަކީ މިހާރު ފެތުރެމުންދާ ރޯގާ ޖެހި، ނޭވާ ލުމުގައި ދަތިތަކެއް އުޅޭ މީހެއް ކަމަށެވެ. އެއްތިރީސް އަހަރުގެ އެ އަންހެން މީހާ ސީ އެމްބިއުލާންސްގެ ތެރެއަށް މަރުވީ އެ އަތޮޅު މަގޫދޫއާ ހިސާބުން ކަމަށާއި މަރުވިކަން އެނގުމުން އަނބުރާ ސީ އެމްބިއުލާންސްގައި ރަށަށް ގެންދިޔައީ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ މާބަނޑު މީހާ މާލެ ގެންދަން އުޅުނީ އެރަށު ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ވެސް އަދި އޮޕަރޭޝަން ޑޮކްޓަރެއް ވެސް ނެތުމުން ކަމަށެވެ.