07 Jan 2011, 06:42
ކުރިއަށް އޮތް ދިރާސީ އަހަރު ފެށޭއިރު ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކެއްގެ ކަންތައްތައް ހުރީ ވަރަށް ރަނގަޅަށް ރޭވި، އިންތިޒާމްވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ ރޭޑިއޯ ޚިތާބުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް އެބަގެންދާ ކަމަށާއި އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަދަރުސާތަކަށް ވަޑައިގެން ކަންކަން ރޭވިފައި ހުރި ގޮތް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ގިނަ ސްކޫލްތަކެއްގެ ކަންތައްތައް ހުރީ ވަރަށް ރަނގަޅަށް ރޭވި، އިންތިޒާމްވެފައި ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް، އަލަށް ފަށާ، އާ އަހަރު ފަށާއިރުގައި، ބައެއް ބާވަތުގެ ދަތިތައް ހަމަކަށަވަރުންވެސް ކުރިމަތިނުވެއެއް ނުދާނެ. އަޅުގަނޑުގެ އުންމީދަކީ، މި އާ އަހަރު ހުރިހާ ދަރިވަރުންވެސް، އަދި ހުރިހާ މައިންބަފައިން ދަރިވަރުންނަށް އެހީތެރިވެދީގެން، ދަރިވަރުންނަށް މިދިޔަ އަހަރު ހޯދުނު ނަތީޖާއަށްވުރެ އަދި ވަކިން ރަނގަޅު ނަތީޖާއެއް މިއަހަރު ލިބުން." އަންނަ އާދިއްތަ ދުވަހު ފެށޭ މިއަހަރުގެ ދިރާސީ އަހަރާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ނެއްޓި، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ޖެނުއަރީ 1، އިން ފެށިގެން ރާއްޖެ ބަދަލުވެފައިވާތީ، އެކަމުގެ މައްޗަށް ރޭޑިއޯ ޚިތާބުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، ފަގީރު ގައުމެއްގެ ގޮތުގައި އޮތުމަށް ވުރެ، މެދު ފަންތީގެ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ "މި ވަގުތަށް ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތް" ކަމަށެވެ.
"ފަގީރު ގައުމެއްގެ ގޮތުގައި އޮވެ، އެހީ ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރުމަށްވުރެ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ކަންތައްތައް ނިންމޭނޭ އުސޫލަކަށް ނިންމޭނޭ މަގަކަށް ދިޔުމަކީ ސަރުކާރު އަބަދުވެސް ދެކޭގޮތް، ގަބޫލުކުރާ ފަލްސަފާ." ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އިޖްތިމާއީ ރައްކާތެރި ކަމުގެ ޕްރޮގްރާމްގެ ތެރެއިން ފަގީރުންނަށް އެހީތެރިވަމުން ގޮސްފައިވާތީ މިހާރު ރާއްޖޭގައި ފަގީރުކަން 2008 ވަނަ އަހަރާ އަޅާބަލައިރު ކިތަންމެ ތަނަކުން އޮތީ ކުޑަވެފައި ކަމަށާއި އެއީ، މެދު ފަންތީގެ ގައުމަކަށް ރާއްޖެ ވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ސިވިލް ސާވަންޓުންގެ މުސާރަ މިމަހުން ފެށިގެން ކުރިން ހުރި މިންވަރަށް އިއާދަކުރެވޭ ކަމީ ސަރުކާރަށް ލިބޭ ވަރަށްބޮޑު "އުފަލެއް" ކަމުގައި ވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ، ރާއްޖެ، އިގުތިސާދީ ވަރަށްބޮޑު ވަޅުގަނޑަކަށް ވެއްޓެމުންދިޔަ ދަނޑިވަޅެއްގައި، ސަރުކާރު މުވައްޒަފުން، އެބޭފުޅުންގ މުސާރައިން ބައެއް އުނިކުރެއްވުމަށް (ސިވިލް ސާވަންޓުން) އެއްބަސްވެލައްވައި، އެކަން ކޮށްދެއްވިކަމީ، އަޅުގަނޑުމެންގެ އިގުތިސާދު، ހަމަ މަގަށް ގެނައުމަށް މެދުވެރިވި އެންމެބޮޑު އެއްސަބަބޭ. އެސަބަބަށްޓަކައި އަޅުގަނޑުމެން އެންމެންވެސް އަބަދުވެސް ސިވިލް ސަރވަންޓުންނަށް ޝުކުރުވެރިވާނެ،" ރައީސް ވިދާޅުވި އެވެ.