23 Jun 2014, 16:09
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަން ކުރާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (އަޒީބެ) އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުޅުވާލުމުން އެ މަގާމަށް 13 ބޭފުޅަކު ކުރިމަތިލެއްވި ކަމަށެވެ. އަދި އެ ބޭފުޅުން ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އެންޑޯޒް ކުރެއްވި އަޒީބެގެ ނަމާއެކު އެހެން ބޭފުޅުންގެ ނަންތައް ވެސް މަޖިލީހަށް ފޮނުވާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރުމަށް މަޖިލީހަށް ނަންހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ ކަމަށެވެ. ގާނޫނު ބުނާ ގޮތުން މަޖިލީހަށް ރައީސް އެންޑޯޒް ކުރާ ނަމެއް ފިޔަވައި، އެ މަގާމަށް ކުރިމަތިލި އެހެން މީހެއްގެ ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރެވިދާނެ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.