މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހާޒިރުކުރައްވައި ސުވާލު ކުރެއްވުމަށް އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރު ޑރ. މުއިއްޒު މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރެއްވުމަށް ނިންމާފައިވަނީ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދާމް އެމަނިކުފާނާ ސުވާލު ކުރެއްވުމަށް އެދިވަޑައިގެންފައިވާތީ އެވެ.

މިނިސްޓަރު މުއިއްޒުގެ ކިބައިން ރޮޒައިނާ އޮޅުންފިލުވަން ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ފަރާތުން މިއަހަރު އައްޑޫ ސިޓީގައި ހިންގާން ރާވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނެއެވެ. އަދި އައްޑޫ މީދޫ ދާއިރާއަށް އެއްވެސް މަޝްރޫއުއެއް ހިންގުމަށް ސަރުކާރުން ހަމަޖައްސާވައިވޭތޯ އޮޅުންފިލުވުމަށްޓަކައި މިނިސްޓަރާ ސުވާލު ކުރެއްވުމަށް ރޮޒައިނާ އެދިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

އެންމެ ފަހުން ރައްޔިތުން މަޖިލީހަށް ވަޒީރަކު ހާޒިރުކޮށް ސުވާލު ކުރައްވާފައިވަނީ 2011 ވަނަ އަހަރު އޭރުގެ ހެލްތް މިނިސްޓަރު ޑރ. އާމިނަތު ޖަމީލުއާ އާއެވެ.

މަޖިލީހުގެ ގަވައިދުގެ 62 ވަނަ މާއްދާގެ (ހ)ގައި ބުނާގޮތުން މެމްބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނީ މަޖިލީހުގެ ރައީސް މެދުވެރިކޮށް އެ ވަޒީރަކަށް ނޯޓިސްއެއް ފޮނުއްވައި، އޭގެ 14 ދުވަސް ފަހުން ބާއްވާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.