23 Jun 2014, 14:57
އެއީ ލަކުޑިން ހަދާފައިވާ "ކުޑަ ޖިފުޓި" އެއްކަހަލަ ތަނެކެވެ. އެތަނުގެ އެތެރޭގައި އިނީ ދެ މޭޒެވެ. އެއް މޭޒެއްގައި ތިން މީހުން އަދި އަނެއް މޭޒުގައި ދެ މެމްބަރުނަށް ތިބެވޭނެ އިންތިޒާމް ހަމަ ޖައްސާފަ ހުއްޓެވެ. އެތާ އެތެރެއަށް ވަންނަ މީހަކަށް ހީވާނީ އެއީ ކުޑަވަރެއްގެ "ސައި ކޮޓަރިއެއް"ހެނެވެ. ނަމަވެސް އެއީ ގާނޫނުކުން އުފައްދާފައިވާ ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނެވެ. އެއީ ކަސްޓަމްސް އާ ބެހޭ ގޮތުން ހުށަހެޅޭ އެކި މައްސަލަތައް ތަހްގީގުކުރަން ހުރި އޮފީހެވެ.
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު ގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ހޮވި ފަސް މެމްބަރުން އެ ކޮމިޝަނުގެ އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ. އޭގެ ފަހުން ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މެމްބަރުންގެ މައްޗަށް ގާނޫނަކުން މަތިކޮށްފައިވާ ކަންކަން ކުރުމުގައި މަސައްކަތްކުރާނެ އެކަށިގެންވާ އިމާރާތެއް ނެތުމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތްހުރި ގޯތި ތެރޭގެ އެއް ފަރާތެއްގައި ލަކުޑިން ރާވަފައިވާ ހުރި ގެއަކީ ކަސްޓަމްސް އިންޓަގްރީ ކޮމިޝަންގެ މަސަކަތްތައް ކުރުމަށް ދޫކޮށްފައި ހުރި ތަނެވެ. އެއީ އެކި މައްސަލަތައް ހުށަހަޅާނެ އޮފީހެއް ނަމަވެސް އެތަނުގައި ރިސެޕްޝަނެއްވެސް ނެތެވެ. އަދި އާންމުން ގޮސް އިށީންނާނެ ގޮތެއް ވެސް ނޯވެ އެވެ.
އެ ކޮމިޝަނުގެ މެމްބަރަކު ވިދާޅުވީ އެތަނުގައި ތަހްގީގު ކުރުމަށް ޚާއްސަ ކޮޓަރިއެއް ނެތް ކަމަށެވެ. އަދި ސިއްރުން ބަޔާނެއް ނެގުމަކީ ފަސޭހެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
" ތަހުގީގުކުރާ ކޮންމެ އިދާރާއެއްގައި ވެސް ހުންނަން ޖެހޭ ތަހްގީކުރާނެ ކޮޓަރިއެއް އާލާތްތަކާއިއެކު. އެންމެ ރޫމެއް ވެސް ނޫން ދެއްތޯ ހުންނަން ޖެހެނީ؟ މައްސަލަތައް އަންނަ މިންވަރަށް ބަލާފަ ޖެހޭ އެއަދު އިތުރު ކުރަން ވެސް. އެކަމަކު ތަހްގީގުކުރަން މިތާންގައި ތަނެއް ހަދާނެ ގޮތެއް އަޅުގަނޑުމެންގެ ވިސްނުމަކަށް ނާދޭ. މިތަނުގައި ކިރިޔާ ފަސް މެމްބަރުން މި މަސައްކަތް ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
އެ ކޮމިޝަނުގެ އިދާރީ މަސައްކަތްތަކަށް އިތުރު ފަސް މުވައްޒަފުން ހޯދުމަށް އިއުލާން ކޮށްފައިވާއިރު އެ މުވައްޒަފުންނާއެކު 10 ބޭފުޅުން އެތަނުގައި މަސައްކަތް ކުރަން ޖެހޭނެކަން މެމްބަރުން ފާހަގަކުރައްވަ އެވެ. އެއީވެސް އެ މެމްބަރުންގެ އޮތް އިތުރު ބޮލުގެ ރިހުމެކެވެ.
އެ ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ ކަސްޓަމްސްއާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބެލުން ކަމަށްވީ ނަމަވެސް އެ މަސައްކަތަށް އަދިވެސް އޮތީ ނުފެށި އެވެ. އިމާރާތެއް ނެތުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ފިނޭސް މިނިސްޓްރީއަށާއި ރައީސް އޮފީހަށް ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް އަދި އިމާރާތެއް ލިބިފައެއްނުވެ އެވެ.
ކޮމިޝަނުގެ މެމްބަރުނަށް މަސައްކަތް ކުރެވޭނެ އެކަށީގެންވާ މާހައުލެއް ނެތް ނަމަވެސް އެކޮމިޝަނުގެ މެމްބަރުނަށް ދައުލަތުން ބޮޑު ހޭދަ އެއް މުސާރަ ދިނުމަށް ހޭދަ ކުރެ އެވެ.
އެ ކޮމިޝަނުގެ މެމްބަރެއްގެ މުސާރައިގެ ގޮތުގައި އަހަރަކު 2،156،000 ރުފިޔާ ހަރަދުވެ އެވެ. ސީއައިސީގެ މެންބަރެއްގެ އަސާސީ މުސާރައަކީ 32500ރ. އެވެ. އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި އަހަރީ ޕްރިމިއަމްގެ ގޮތުގައި 10،000ރ. ލިބޭނެ އެވެ. އަދި ކޮމިޝަންގެ ރައީސަށް 37،500ރ. ލިބިވަޑައިގަންނަވާ އިރު، ނައިބު ރައީސްއަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ. ޖުމްލަ ކޮންމެ މެންބަރަކަށް އަހަރަކު 412،000ރ. ލިބިވަޑައިގަންނަވާނެ އެވެ. ކޮމިޝަންގެ ރައީސްއަށް އަހަރަކު 472،000ރ. ލިބޭނެ އެވެ. އަދި ނައިބު ރައީސް އަށް އަހަރަކު 448،000ރ. ލިބޭނެ އެވެ.