23 Jun 2014, 14:49
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވޯޓު ނުލެވޭނެ ކަމަށް އެކަމާ ބެހޭ އުސޫލުގައި ހިމަނާފައިވާތީ އެ އުސޫލުގެ އެ މާއްދާ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި މިއަދު ނެރުނު އަމުރެއްގައި ބުނެފައި ވަނީ ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން އެކި އެކި ނަންނަމުގައި އެކިއެކި ހައިސިއްޔަތުން ވަޒީފާ އަދާކުރުމަކީ އެމީހެއްގެ ކިބައިން ގާނޫނީ ވަކީލުކަމުގެ ސިފަ ގެއްލިގެން ދާންޖެހޭ ސަބަބެއްނޫން ކަމަށެވެ.
ކޮންމެ މަގާމެއްގައި ހުރިކަމުގައި ގާނޫނީ ވަކީލެއް ކަމަށްވިޔަސް އެމީހަކަށް އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ ގޮތުގެމަތިން އިންތިޚާބުގެ ކަންކަން އިންތިޒާމްކޮށް ބާއްވަންޖެހޭ ތާރީޚުގައި އެ އިންތިޚާބު ބާއްވައި ނިންމުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މި މަހުގެ ފުރަތަމަ ދުވަހު ނެރެ ޝާއިއުކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ގާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ނުވަ ވަނަ މާއްދާގެ (ހ) ގައި އެ އިންތިޚާބުގައި މަޖިލީސް މެމްބަރުންގެ ގޮތުގައި ތިއްބެވި ވަކީލުންނާއި ފަނޑިޔާރުންނަށް ވޯޓުނުލެވޭނެ ކަމަށް ބަޔާންކޮށްފައި އޮތުމަކީ މީގެކުރިން ހައިކޯޓުން ކޮށްފައިވާ ހުކުމަކާ ތައާޒުވާ ކަމެއް ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފަ އެވެ.
"ދިވެހި ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ދަށުން ބާއްވަންޖެހޭ އިންތިޚާބު ބޭއްވުމުގައި ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ އެއްވެސް ގާނޫނީ ވަކީލަކު އެއީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ފަރާތެއް ކަމުގައި ވިޔަސް އަދި އެނޫން މަގާމެއްގައި ހުރި ފަރާތެއް ކަމުގައި ވިޔަސް ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހައި ވަކީލުންނަށް އެއްވެސް އިސްތިސްނާއެއް ނެތި، ކޮންމެ މަގާމެއްގައި ހުރިކަމުގައި ވިޔަސް އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ ގޮތުގެމަތިން އެ އިންތިޚާބުގެ ކަންކަން އިންތިޒާމްކޮށް އެ އިންތިޚާބު ބާއްވަންޖެހޭ ތާރީޚުގައި އެ އިންތިޚާބު ބާއްވައި ނިންމުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.