23 Jun 2014, 14:20
މުސްލިމުންނާ ދެކޮޅަށް ސްރީލަންކާގެ ސިންހަޅަ ބުޑިސްޓުންގެ ތެރޭގައި ހިމެނޭ ހަރުކަށި ޖަމާއަތް، ބޮޑު ބަލަ ސޭނާ (ބީބީއެސް) އިން ހިންގަމުން ގެންދާ ޖަރީމާތައް ހަމަހަމަ އުސޫލެއްގެ މަތިން ތަހުގީގުކޮށް، ހަމަނުޖެހުންތައް ހިންގާ ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކަ ކުމަރަތުންގަ ގޮވާލައްވައިފި އެވެ.
ކުމަރަތުންގަ ނެރުއްވި ބަޔާނަކާ ހަވާލާދީ ސްރީލަންކާގެ ކޮލަމްބޯ ގެޒެޓުގައި ބުނެފައި ވަނީ، ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވާ ކަމަށެވެ.
"ބުޑިޒަމްގެ ނަމުގައި އަމިއްލަ ކަންތައްތަކެއް ހާސިލުކުރުމަށް އުޅޭ އަނިޔާވެރި ހައްދުފަހަނައަޅާފައިވާ ބަޔަކު އާއްމު އެއްވުމަކުން ފެށި ހަމަނުޖެހުންތަކާ ގުޅިގެން ނުހަނު ކަންބޮޑުވަން. އަދި ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުން ހަމަނުޖެހުންތަކާ މެދު ފިޔަވަޅެއް ނޭޅުމުން ކަންބޮޑުވޭ،" ކުމަރަތުންގަ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މިނިވަން ޑިމޮކްރެޓިކް މުޖުތަމައުއެއް ގާއިމުކޮށް، ސިޔާސީ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުން ލިބޭނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީގެން ކަމަށް ފާހަގަކޮށް ބަޔާނުގައި ކުމަރަތުންގަ ވިދާޅުވެފައި ވަނީ، ކުޑަ ޖަމާއަތަކުން ސްރީލަންކާ ދާހިލީ ހަނގުރާމަ އަކަށް ވައްޓާލަން އެގައުމުން ޖާގަ ދީގެން ނުވާނެ ކަމަށެވެ.
ޗަންދިރިކަ ބަންޑަރަނައިކަ ކުމަރަތުންގައަކީ ސްރީލަންކާގެ ފަސް ވަނަ ރައީސް އެވެ. އަދި އޭނާއަކީ 2005 ވަނަ އަހަރާ ހަމައަށް ސްރީލަންކާ ފްރީޑަމް ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ.