ތިމާވެށީގެ ދުވަހާ ގުޅިގެން އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން "ޓްރޫލީ ގްރީން" ޖަމްއިއްޔާ އާއި ބިޒްނަސް އިމޭޖް ގްރޫޕް ގުޅިގެން ހިންގި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން މާލޭ މަގުތަކުން އެއް ދުވަހުގެ ތެރޭގައި 20367 ހުސްފުޅި ހޮވައިފި އެވެ.

ތިމާވެށީގެ ދުވަހު މާލޭގެ މަގުތަކުން ހޯދި ކުނިތައް މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ދައްކާލާފަ އެވެ. ބޮޑުތަކުރުފާނު މަގު ދެ ނަންބަރު ކުނިކޮށީގައި ބަހައްޓާފައި ހުރި އެ ކުނިތައް ވަނީ ގިންތިކޮށް މިންކޮށްފަ އެވެ.

ތިމާވެށީގެ ދުވަހު މާލޭގެ މަގުތަކުން ހޯދި ކުނިތައް -- ސަން ފޮޓޯ: އަހްމަދު ޝަރުވާން


"މާލެ މަގުތަކުން އެއްދުވަހުގެ ކުނީ"ގެ ނަމުގައި އެ ކުނިތައް މިއަދު ދައްކާލާފައި ވަނީ އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެއްކޮށްފައިވާ ކުނީގެ ތެރޭގައި ފެން ހުސްކުރި ގިނަ އަދަދެއްގެ ފުޅިއާއި އެހެނިހެން ބާވަތްތަކުގެ ދަޅާއި ފުޅި ހިމެނެ އެވެ.

އެއްކޮށް ގިންތިކޮށްފައިވާ ކުނިތަކުގެ ތެރޭގައި 18499 ފެންހުސްކުރި ފުޅިއާއި ފުޅީގައި ހުންނަ ލުއި ބުއިންތަކުގެ ބާވަތްތަކުން 1868 ހުސްފުޅި އެއްކޮށްފައި ވާއިރު އެއީ ޖުމްލަ 682 ކިލޯގެ ހުސްފުޅި އެވެ.
ތިމާވެށީގެ ދުވަހު މާލޭގެ މަގުތަކުން ހޯދި ކުނިތައް -- ސަން ފޮޓޯ: އަހްމަދު ޝަރުވާން


އޭގެ އިތުރުން ޕެކެޓްގައި ހުންނަ ލުއި ބުއިންތަކުގެ ބާވަތްތަކުން 4198 ޕެކެޓް އެއްކޮށްފައިވާ އިރު އެއީ ޖުމްލަ 58 ކިލޯގެ ހުސްޕެކެޓެވެ.

ދަޅުގައި ހުންނަ ލުއި ބުއިންތަކުގެ ތެރެއިން 8740 ހުސްދަޅު ވަނީ އެއްކޮށްފަ އެވެ. އެއީ ޖުމްލަ 139 ކިލޯ އެވެ. ތިމާވެށީގެ ދުވަހު މޭލޭގެ މަގުތަކުން 8384 ސިނގިރޭޓް ހުސްކުރި ފޮށި ވެސް ވަނީ ހޮވާފަ އެވެ. އެއީ 71 ކިލޯގެ ހުސް ފޮއްޓެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެއްދުވަސްތެރޭ އެ އަދަދަށް ކުނި އެއްކޮށްފައިވާ އިރު ސްކޫލްކުދިން ވެސް ކުނިތަށް ބަލައި އެ ކަންކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.
ތިމާވެށީގެ ދުވަހު މާލޭގެ މަގުތަކުން ހޯދި ކުނިތައް -- ސަން ފޮޓޯ: އަހްމަދު ޝަރުވާން


އެއް ދުވަހެއްގެ ތެރޭގައި ގިނަ އަދަދެއްގެ މައިލޯ ހުސްކުރި މަގުތަކުން ފެނިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މޭޔަރު ވިދާޅުވީ ދުރު ވިސްނުމަކުން ވިސްނާއިރު މައިލޯ ފަދަ ހަކުރު ގިނަ ލުއި ބުއިންތައް ބުއިމުން މުސްތަގުބަލުގައި ކުރާނެ އަސަރާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ.

މިއީ ކުންޏެއް ކަމަކު ވަރަށް އަގުހުރު އެއްޗެއް. މި ރިސައިކަލް ކޮށްގެން ވެސް ބޭނުން ކުރެވިދާނެ. ބޭރުގެ އެކި ޖަމާއަތްތަކުން ވެސް އެބަހުރި މި ކުންޏަށް ޝައުގުވެރިކަން ފާޅުކޮށްފައި،" ޝިފާ ވިދާޅުވި އެވެ.
މާލޭ ސިޓީގެ މޭޔަރު ޝިޔާ މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: އަހްމަދު ޝަރުވާން


މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަމާއު ޝަރީފް ވިދާޅުވީ އާންމުންނާއި ސްކޫލް ކުދިންނަށް ދައްކާލުމަށް ޓަކައި މި ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް އެ ކުނިތައް ދެ ނަންބަރު ކުނިކޮށީގައި ބަހައްޓަފައި ހުންނާނެ ކަމަށެވެ.