ޓީޗަރުންނަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން އިމާރާތްކުރި "އެދުރުހިޔާ" އިން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ދުރުހިޔާގެ އެއްކޮޓަރީގެ 15 ފްލެޓަށް ހޮވިފައިވާ މީހުންނާއި ދެ ކޮޓަރީގެ 60 ފްލެޓަށް ހޮވިފައިވާ މީހުންގެ ވަގުތީ ލިސްޓް މިއަދުން ފެށިގެން ސަރުކާރުގެ ގެޒެޓުގަ އާއި އެދުރުހިޔާގެ އެއްވަނަ ފަންގިފިލާގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުންނާއި ތައުލީމީ ފަންޑުގެ ވެބްސައިޓުން ވެސް ވަގުތީ ލިސްޓް މިއަދުން ފެށިގެން ފެންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންވާ މީހުން، މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެދުރުހިޔާގެ އެއްވަނަ ފަންގިފިލާ ނުވަތަ އެޑިއުކޭޝަން މިނިސްޓްރީ އަށް ލިޔުމަކުން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

އެދުރުހިޔާ އަށް އެދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ، މި އަހަރުގެ ފެބްރުއަރީ 16ގަ އެވެ. އަދި އެ ފްލެޓަށް އެދުމުގެ ފުރުސަތު މާޗު މަހުގެ 13 ވަނަ ދުވަހަށް ހުޅުވާލައި ވަނީ ދެ ފަހަރެއްގެ މަތިން ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ފޯމް ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެދުރުހިޔާގެ ފްލެޓްތަކަށް ޖުމްލަ 405 މީހުންގެ ކުރިމަތިލި އިރު، އޭގެ އިން ހަތް މީހެއްގެ ފޯމް ޝަރުތު ހަމަނުވާތީ ބާތިލުކޮށް 398 މީހެއްގެ ފޯމް ވަނީ ސަރުކާރުގެ ކަމާ ގުޅޭ އެކި އިދާރާތައް ހިމެނޭ ގޮތަށް އެކުލަވާލި ހަތް މެންބަރުންގެ ކޮމެޓީއަކުން މާކްސް ދީފަ އެވެ.

އެގޮތުން އެއް ކޮޓަރީގެ 15 ފްލެޓަށް އެންމެ މަތިން މާކްސް ލިބުނު 15 މީހުންނާ ދެ ކޮޓަރީގެ 60 ފްލެޓަށް އެންމެ މަތިން މާކްސް ލިބުނު 56 މީހަކު ހޮވައި، އެންމެ މަތިން ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ޕޮއިންޓް އެއްވަރުވި މީހުންގެ މެދުގައި ގުރުއަތުލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަގާފަ އެވެ.

މީގެ އިތުރުން، އެއް ކޮޓަރީގެ ފްލެޓްތަކަށާއި ދެ ކޮޓަރީގެ ފްލެޓްތަކުގެ ވެއިޓިން ލިސްޓަށް ވެސް ވަނީ އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ކޮންމެ ގިންތިއަކުން 10 މީހަކު ހޮވާފަ އެވެ.

ތައުލީމީ ފަންޑުން 36 މިލިޔަން ރުފިޔާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ލޯންގެ ގޮތުގައި 26 މިލިޔަން ރުފިޔާއާ އެކު ޖުމްލަ 62 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ 10 ބުރީގެ އެދުރުހިޔާގައި ހިމެނެނީ، އެއް ކޮޓަރީގެ 18 އެޕާޓްމަންޓަކާއި ދެ ކޮޓަރީގެ 62 އެޕާޓްމަންޓެކެވެ.

އޭގެ ތެރެއިން، ޓީޗަރުންނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގައި ހިދުމަތްކުރާ ފަރާތްތަކަށް ދޫކުރަން ހަމަޖައްސާފައި ވަނީ 75 އެޕާޓްމަންޓެވެ. ބާކީ ފަސް އެޕާޓްމަންޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ގެންނަ ތައުލީމީ ދާއިރާގެ މީހުން ބޭތިއްބުމަށް ހާއްސަ އެޕާޓްމަންޓްތަކެކެވެ.