ދިހަ ފަރާތަކަށް ވަޒީފާއާ އެކު އެސޯސިއޭޓެޑް ކާޓާ ސެޓިފައި އެކައުންޓް (އޭސީސީއޭ) ސްކޮލާޝިޕެއް ދިނުމަށް މީރާ އިން ހުޅުވާލި ފުރުސަތަށް 45 މީހަކު ކުރިމަތި ލައިފި އެވެ.

އެ ސޮކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެގެ ނިޔަލަށެވެ.

މީރާގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ، އެކައުންޓިން ދާއިރާ އިން ޕްރޮފެޝަނަލް މުވައްޒަފުންތަކެއް އުފެއްދުމުގެ ގޮތުން މީރާ އިން ހިންގާ އެ ޕްރޮޖެކްޓްގެ ދަށުން މީރާގެ ވަޒީފާ އަދާކުރަމުން އޭސީސީއޭ ސްކޮލާޝިޕެއްގައި ކިޔެވުމުގެ ފުރުސަތު ދިހަ މީހަކަށް ދޭން ނިންމާފައިވާ ކަމަށެވެ. އެ ކުދިން ނަގާނެ ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.

އެ ސްކޮލާޝިޕްގައި މާލޭގެ ކޮލެޖަކުން ކިޔެވޭ އިރު މީރާގެ ވަޒީފާ އަށް ނުކުންނަށް ޖެހެ އެވެ. އަދި އެ ސްކޮލާޝިޕުގެ ހުރިހާ ހަރަދެއް މީރާ އިން ހަމަޖައްސައިދެ އެވެ.

މީރާ އިން ބުނީ، އެ ސްކޮލާޝިޕާ އެކު ދޭ ވަޒީފާގެ އަސާސީ މުސާރައެއްގެ ގޮތުގައި 4000 ރުފިޔާ ދޭ އިރު ލިވިން އެލަވެންސްގެ ގޮތުގައި 2000 ރުފިޔާ ދޭނެ ކަމަށެވެ. އަދި "ނޮން ޕްރެކްޓިސިން" އެލަވަންސްގެ ގޮތުގައި ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 75 ރުފިޔާގެ ރޭޓުން ފައިސާ ދޭ އިރު "ސާވިސް އެލަވަންސް"ގެ ގޮތުގައި ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެ ކަމަށް ވެސް މީރާގެ އޮފިޝަލް ވިދާޅުވި އެވެ.