ކ. މާފުށީގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފިރިމީހާ އަށް މަސްތުވާތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަނބިމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ ކ.ތުލުސްދޫ ދޮންގާ، ފާތިމަތު އުމްނިއްޔާ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކްރިމިނަލް ކޯޓުން އެ އަންހެން މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން 10 ދުވަހަށް އިތުރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އުމުރުން 26 އަހަރުގެ އެ އަންހެން މީހާ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގަ އެވެ. އެމީހާގެ ފުރަގަސް ފަރާތުގައި ރައްކާކޮށްފައި ވަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ އަންހެންމީހާއަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރުމުންދާ އޭނާގެ ފިރިމީހާ އާއި ބައްދަލުކުރުމަށް، އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށް ދިޔަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމުން އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށްފަ އެވެ.