ބަޣްދާދު (ޖޫން 23) : އިރާގުގައި ހަރަކާތްތެރިވާ އެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ގެ ހަނގުރާމަވެރިން އިރާގާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ހުރިހާ ރަށްތަކާއި ވިލެޖްތައް ހިފުމުން އެސަރަހައްދުގެ ކޮންޓްރޯލް އިރާގު ސިފައިންނަށް ގެއްލިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި ދާޢިޝް ގެ ހަނގުރާމަވެރިންވަނީ އިރާގުގެ ހުޅަނގު ފަޅީގެ ބޮޑު ހަނަފަސް ސަހަރާގެ ބިންތައް އާދަޔާ ޚިލާފު ބާރުމިނެއްގައި ހުރަސްކޮށް އިރާގާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ހުރިހާ ރަށްތަކާއި ވިލެޖްތަކުގެ އިތުރުން ސަރަހައްދީ ރޮނގުގެ ދެ ގޭޓް ކަމަށްވާ ތަރީބީލް އާއި އަލްވަލީދު ވެސް ހިފާފައެވެ.

މީގެއިތުރުން "ދާޢިޝް" ގެެ ހަނގުރާމަވެރިންވަނީ އިރާގާއި އުރުދުންގެ ސަރަހައްދީ ރޮނގު އަތްދަށުލުމަށްޓަކައި އެސަރަހައްދުގެ އެންމެ ބޮޑުހަތަރު ރަށް ކަމަށްވާ ރުވާތު، ޢާނާ އަދި އަލްގާއިމް ގެ އިތުރުން އައްރުތަބާވެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށްގެންގޮސްފައެވެ.

މިރަށްތައް ހިފުމާއެކު "ދާޢިޝް" ގެ ހަނގުރާމަވެރިން ދެން ކުރިމަތިލާންޖެހޭނީ ސޫރިޔާއާއި އިރާގުގެ ސަރަހައްދީ ރޮނގުގެ އަނެއްފަޅީގެ ރަށްތައް ހިފައިގެން އުޅޭ އަލްގާއިދާއަށް ނިސްބަތްވާ ޖަބްހަތުއްނުސްރާ ޖަމާއަތުގެ ހަނގުރާމަވެރިންނާއެވެ.

"ދާޢިޝް" ޖަމާއަތުގެ ސޫރިޔާގެ ގޮފިން ޖަބްހަތުއްނުސްރާ ޖަމާއަތާ ހަނގުރާމަކުރަމުން ގެންދާތާ މިހާރު އަހަރެއްހާ ދުވަސްވެފައިވެއެވެ. މިދެ ޖަމާއަތަކީވެސް ކުރިން އަލްގާއިދާއަށް ނިސްބަތްވި ދެ ޖަމާއަތެވެ. ނަމަވެސް "ދާޢިޝް" ގެ ލީޑަރު އަބޫބަކްރުލް ބަޣްދާދީ ވަނީ އަލްގާއިދާގެ ލީޑަރު އައިމަނުއްޒަވާހިރީ ގެ ޒަޢާމަތަށް ގޮންޖަހައި އަލްގާއިދާއާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކުރުމަށްފަހު އަލްގާއިދާގެ އޮނިގަނޑާއި ކޮމާންޑުން ބޭރުވެ އަލްގާއިދާއަކީވެސް އެޖަމާއަތުގެ އަމާޒެއް ކަމަށް ހަދާފައެވެ.

އިރާގުގެ ސުންނީ ހަނގުރާމަވެރި ގަބީލާތަކާއި އެތަށް ޖަމާއަތެއް ގުޅިގެން އުފައްދާފައިވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ޖަމާއަތަކީ ސައްދާމް ޙުސައިންގެ ބަޢްޘު ޕާޓީއަށް ނިސްބަތްވާ މީހުންނާއި އިރާގުގެ ކުރީގެ ސިފައިންނާއި އަލްގާއިދާއަށް ނިސްބަތްވާ ޒުވާނުންނާއި އިރާގުގެ ސަލަފީ ޖަމާއަތްތައްވެސް ގުޅިގެން އިރާގާއި ސޫރިޔާ ހިމެނޭގޮތަށް ޝާމްކަރައިގެ ސަރަހައްދުގައި އިސްލާމީ ޚިލާފަތެއް އުފެއްދުމުގެ ނަމުގައި ހަނގުރާމަކުރަމުން ގެންދާ ބާރުގަދަ އަދި މުއްސަނދި ޖަމާއަތެކެވެ.

އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މޫސަލް މީގެ ދެ ހަފްތާކުރިން "ދާޢިޝް" ޖަމާއަތުގެ އަތްދަށަށް ދިޔުމާ ގުޅިގެން އެރަށުގައިވާ އިރާގު ސަރުކާރުގެ 4 ބޭންކުން 400 މިލިޔަނަށްވުރެ ގިނަ ޑޮލަރު ކޭޝްގެ ގޮތުގައި އެޖަމާއަތުން އަތްދަށުލާފައިވާ ކަމަށް އިރާގު ސަރުކާރުން ބުނެއެވެ.

އިރާގާއި ޝާމްކަރާގައި އިސްލާމީ ޚިލާފަތެއް އުފެއްދުމުގެ ނަމުގައި "ދާޢިޝް" ގެ ހަނގުރާމަވެރިންނަށް އެޅިފައިވާ އެންމެ ބޮޑު ހުރަސްތަކުގެ ތެރޭގައި ސޫރިޔާ ސިފައިންގެ ލަޝްކަރުތަކާއި ޖަބްހަތުއްނުސްރާ ޖަމާއަތާއި ފްރީސީރިޔަން އާމީ ޖަމާއަތުގެ އިތުރުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިރާގު ސިފައިންގެ ލަޝްކަރުތައް "ދާޢިޝް" ގެ ހަނގުރާމަވެރިންގެ ކުރިމަތީގައި ރޫޅިގެން ދިޔަ ގޮތަށް އީރާނާއި ރަޝިޔާއާއި ޗައިނާގެ މަދަދުލިބޭ ސޫރިޔާ ސިފައިންގެ ލަޝްކަރުތައް ރޫޅިގެން ދިޔުމުގެ ފުރްސަތު ކުޑަކަމަށްވެސް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)