23 Jun 2014, 12:24
ދެ މަސް ދުވަސް ވަންދެން ކަނޑުމަތީގައި ހާލުގައި ޖެހިފައި އޮއްވައި ފެނުނު އީރާނުގެ މަސް ބޯޓުގައި ތިބި މީހުން އެ މީހުންގެ ގައުމަށް ފޮނުވާލުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ތ. ތިމަރަފުށީ ބޭރުން މި މަހުގެ ހަ ވަނަ ދުވަހު ފެނުނު އިރާންގެ މަސްބޯޓުގައި 14 މީހަކު ތިއްބެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ބޯޓު އޮތީ މަޑިފުށީގައި ކަމަށާއި ބޯޓުގައި ތިބި އިރާން މީހުން ވެސް ތިބީ އެ ރަށުގައި ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެމީހުން ފޮނުވާލުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އަދި ވަކި ގޮތެއް ނުނިމޭ ކަމަށެވެ. އަދި އެ ބޯޓަކީ ހާލުގައި ޖެހިގެން ރާއްޖެއާ ދިމާލަށް އައި މަސްބޯޓެއްކަން މިހާތަނަށް ތަހުގީގުތަކުން އެނގިފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އީރާން މަސްބޯޓުގެ އެޖެންޓް ވެސް މިވަގުތު ހުރީ މާލޭގަ އެވެ.