23 Jun 2014, 12:08
ރޯދަ މަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް ޔޫތް މިނިސްޓްރީގެ ރިލޭޝަން އޮތޯރިޓީ އިން ބުނެފިއެވެ.
ލޭބާ ރިލޭޝަން އޮތޯރިޓީ ބުނީ އެ އޮތޯރިޓީގެ އިންސްޕެކްޝަންތަކުން ދައްކާގޮތުގައި ބައެއް ކުންފުނިތަކުން ރޯދަ މަހުގެ އިނާޔަތް ދެމުންނުދާ ކަމަށާއި އަދި ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔަތް ދޭއިރު ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަމަށެވެ.
ވަޒީފާއާބެހޭ ގާނޫނުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން، އެމީހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅައެއްބައި ދޭންވާނެ ކަމަށެވެ. އަދި މުސާރައިގެ ތިންބައިކުޅައެއްބައި 2،000 ރުފިޔާއަށްވުރެ ކުޑަނަމަ ދޭންޖެހެނީ 2,000 ރުފިޔާ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. މުސާރައިގެ ތިންބައިކުޅަ އެއްބައި 10,000 ރުފިޔާއަށްވުރެ ގިނަނަމަ، ދޭންޖެހޭނެ ކަމަށް ބުނެފައިވަނީ 10,000 ރުފިޔާއެވެ.
ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރޯދަ މަހުގެ އިނާޔަތް ދިނުމަށް ވަޒީފާ ދޭ ހުރިހާ ފަރާތްތަކަށް އެ ލޭބާ ރިލޭޝަން އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސަރުކާރު މުވައްޒަފުންނަށް އިއްޔެ އާއި މިއަދު ރޯދަ އިނާޔަތް ދިނުމަށް ވަނީ ނިންމާފައެވެ.