މާލޭގެ އާންމު ފާހާނާ ބަރިތައް އައުޓްސޯސް ކޮށްގެން ހިންގުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ސުޖާއުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފާހާނާ ބަރިތައް ހިންގުމަށް ޖޫން 8، 2010 ގައި އެގްރިމެންޓު ކުރުމަށްފަހު އެ އެއްބަސްވުމަށް ސުޖާއު އަމިއްލަ އަށް އިސްލާހު ގެނެސް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

"... މުއްދަތި އިތުރުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުން ނިންމައިގެން ނޫންކަން ލިޔެކިޔުންތަކާއި ތަހުގީގަށް ބަޔާން ދީފައިވާ އެ ކައުންސިލުގެ ނުވަ ކައުންސިލަރުންގެ ބަހުން އެނގެން އޮވޭ،" އެ ބަޔާނުގައިވެ އެވެ.

އޭސީސީ އިން ބުނެފައި ވަނީ އެ އެގްރިމެންޓުގެ މުއްދަތު އިތުރުކޮށްފައި ވަނީ "ކައުންސިލްގައި މަޝްވަރާނުކޮށް ކައުންސިލަރު އިބްރާހިމް ސުޖާއު އަމިއްލައަށް" ތަހުގީގަށް ލިބިފައިވާ ލިޔުންތަކުން ވެސް އެނގޭ ކަމަށެވެ.

ސުޖާއު އަމިއްލަށް އެ އެގްރިމެންޓުގެ މުއްދަތު އިތުރުކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބެލެވޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރުގެ މަގާމުގައި ކުރިން ހުރި ގ. ޗާންދަނީމާގޭ، އިބްރާހިމް ސުޖާއުގެ މައްޗަށް ކޮރަޕްޝަން މަނާ ކުރުމާއި ހުއްޓުވުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ހުށަހެޅުމަށްޓަކައި މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފަ،" އެ ބަޔާނުގައިވެ އެވެ.