މިފަހަރުގެ ވޯޑް ކަޕްގައި ބެލްޖިއަމް މިހާތަނަށަށް އެންމެ މުހިއްމުވި ލަނޑު އެޓިމަށް ކާމިޔާބު ކޮށްދީ، ބެލްޖިއަމްގެ ވޯލްޑް ކަޕް ހީރޯގެ ގޮތުގައި މިވަގުތު މަޝްހޫރުކަން ހޯދާފައިވާ ޒުވާން ފޯވާޑް، ޑިވޮކް އޮރިގީ އަކީ މީގެ ކުރިން މީހުންގެ ތެރޭގައި އެހާ މަޝްހޫރު ނަމެއް ނޫނެވެ. އަދި ހާއްސަކޮށް ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅޭ ބައެއް ކުޅުންތެރިންނާއި އެގައުމުގެ މީޑިއާއަށް ވެސް އޮރިގީ އަކީ ކާކުކަން ރަނގަޅަށް ނޭނގޭ ކަމަށް ވެއެވެ.

ކޮންމެއަކަސް ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގެ މަރަކާނާ ސްޓޭޑިއަމްގައި އެތަކެއް ހާސް ބެލުންތެރިންގެ ކުރިމަތީގައި ކުޅުނު ވޯލްޑް ކަޕް ގްރޫޕް "އެޗް"ގެ މެޗުގައި ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ރަޝިޔާ ކޮޅަށް ފަހުވަގުތު ލަނޑު ޖަހައި ބެލްޖިއަމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށް ދިން އޮރިގީ އަކީ މިހާރު މީޑިއާގެ ފަލަ ސުރުހީ ތަކުގައި ފެވެމުންދާ ނަމެކެވެ.

އުމުރުން 19 އަހަރުގެ އޮރިގީ އަކީ ފްރާންސް ލީގުގެ ލިލްއަށް ކުޅޭ ފޯވާޑެކެވެ. އަދި އޭނާގެ ބައްޕައަކީ، ކުރިން ކެންޔާގެ ގައުމީ ޓީމަށް ކުޅުނު ފޯވާޑް މައިކް އޮރިގީއެވެ.

"އޭނަ ފުރަތަމަ ޓީމާ ގުޅުނު އިރު އަހަރެން ނުދަންނަން އެއީ ކާކު ކަމެއް. އެކަމަކު ޓީމާ ގުޅުނު ފަހުން އަހަރެން އޭނާ ދަންނަން ފެށި،" އޮރިގީއާ ބެހޭ ގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ބެލްޖިއަމް މިޑްފީލްޑަރު މަރުއާނޭ ފެލައިނީ ބުންޏެވެ.

އޮރިގީއަށް ބެލްޖިއަމް ޓީމުން ފުރުސަތު ލިބުނީ، އެންމެ ފަހު ވަގުތު، ޓީމަށް ދިމާވި އަނިޔާގެ މައްސަލަތަކާ ގުޅިގެނެނެވެ. ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް އޭނާގެ ޓީމުން އޮރިގީއަށް ޖާގަ ދިނީ، އެސްޓަން ވިލާއަށް ކުޅޭ ހުނަރުވެރި ފޯވާޑް ކްރިސްޓިއަން ބެންޓެކޭއަށް އަނިޔާވެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީން ވުމުންނެވެ.

"އަހަރެން ލޯބިކުރަން އަބަދުވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން،" ވިލްމޮޓްސް ބުންޏެވެ. "ގިނަ މީޑިއާ ތަކަށް އެއީ ކާކުކަން ނޭނގުނު ނަމަވެސް، އޭނާ [އޮރިގީ] އަކީ ފުޓްބޯޅައިގެ ޑިސިޕްލިން ހުރި، ދުވެލި ބާރު ކުޅުންތެރިއެއް،"

ބެލްޖިއަމްގެ ކުޅުންތެރިން ސިފަ ކުރާ ގޮތުގައި އޮރިގީއަކީ އެޓީމުގައި ރަނގަޅު މުސްތަގުބަލެއް އޮތް ކުޅުންތެރިއެކެވެ. އޮރިގީގެ ހަށިގަނޑާއި ސްޓައިލާއި ހުނަރަށް ބަލާފައި ގިން ކުޅުންތެރިން ބުނަނީ އެއީ ދިގު މުއްދަތަކަށް ބެލްޖިއަމް ޓީމަށް ކުޅޭނެ ކުޅުންތެރިއެއް ކަމަށެވެ.

"އޭނަގެ ބައިވަރު ކޮލިޓީތައް އެބަހުރި،" އޮރިގީއާ ބެހޭގޮތުން ފެލައިނީ ބުންޏެވެ. "އޭނައަށް ލަނޑު ޖެހޭ. އެހާމެ ހަލުއި، އަދި އޭނައަށް ރަނގަޅު އުކުޅުތައް އެނގޭ. އެއީ އަދި ޅަ ކުޅުންތެރިއެއް، އެކަމަކު މިއަދު އޭނާ އެވަނީ ހުރިހާ ކަމެއް ދައްކުވާދީފައި،"

އޮރިގީ ބުނީ، ފުޓްބޯޅައިގެ ހުރިހާ ކަމެއް ވެސް ދަސްކޮށްދީ އޭނާއަށް މަގު ދައްކައި ދިނީ އޭނާގެ ބައްޕަ މައިކް އޮރިގީ ކަމަށެވެ. ކެންޔާގެ ގައުމީ ޓީމަށް ކުޅުމަށް ފަހު، ބެލްޖިއަމްގެ ގެންކަށް ކުޅުނު ބައްޕަ އޮރިގީ ވަނީ، މަރަކާނާގައި އޭނާގެ ދަރިފުޅު ކުޅޭ މަންޒަރު ބެލުމަށާއި ބެލްޖިއަމް ޓީމަށް ހިތްވަރު ދިނުމަށް އެތަކެއް ސަޕޯޓަރުންނާ އެކު އެތަނަށް ގޮސްފައެވެ.

އިންގްލިޝް، ފްރެންޗް އަދި ޑަޗް ބަހުން ފަރިތަކަމާ އެކު އެއްބަހުން އަނެއްބަހަށް ބަދަލުކުރަމުން މެޗަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން އޮރިގީ ބުނީ، އޭނާއަށް ގައުމީ ޓީމާއެކު ބްރެޒިލަށް އައުމުގެ ފުރުސަތު ފަހުން ލިބުނު ކަމުގައި ވީނަމަވެސް އެކަމާ ހައިރާން ނުވާ ކަމަށާއި ފަހު ވަގުތު ނަމަވެސް ފުރުސަތެއް ލިބޭނެ ކަމުގެ ފުރިހަމަ އުންމީދު އޭނާއަށް އޮތް ކަމަށެވެ.

"އަހަރެންނަށް އަބަދުވެސް އުންމީދު އޮވޭ، މުބާރާތް ފެށުމުގެ މަހެއް ނުވަތަ ދެމަހެއް ކުރިން އަހަރެންނަށް ޓީމުން ފުރުސަތު ދޭނެ ކަމަށް،" އޮރިގީ ބުންޏެވެ. "ފަހުން އަހަރެންނަށް ޝައްކުއުފެދުނު، އަދި ޔަގީންކަން ވެސް ގެއްލުނު.... އެހެން ނަމަވެސް އެންމެ ފަހުން ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް،"

އުފަލުން ފޮޅިފައި ހުރެގެން ނޫސްވެރިންނާ ވާހަކަ ދައްކަމުން ދިޔަ، އޮރިގީ ކައިރީ، މެޗަށް ފަހު އޭނާގެ ފޯނަށް ރަހްމަތްތެރިންނާއި އާއިލާގެ މީހުންގެ ފަރާތުން ކިތައް މެސެޖް އައިތޯ ނޫސްވެރިން ސުވާލުކުރުމުން ވަރަށް އަވަސް އަވަހަށް އޮރިގީ ބުނީ އަދި ފޯނު އޮންވެސް ނުކުރާ ކަމަށެވެ.