ފިފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޕޯޗުގަލް އާއި އެމެރިކާ ވާދަކުރި މެޗް 2-2 އެއްވަރުވެގެން ނިމުމުން މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ހަނި ފުރުސަތެއް އޮތް ނަމަވެސް ޕޯޗުގަލްގެ ކޯޗު ޕައުލޯ ބެންޓޯ އުންމީދު ކަނޑާލައިފި އެވެ.

މެޗަށްފަހު މީޑިއާށް މައުލޫމާތު ދެމުން ޕޯޗުގަލްގެ ކޯޗު ޕައުލޯ ބެންޓޯ ބުނީ ގްރޫޕް ސްޓޭޖް މިހާރު އޮތްގޮތުން ދެވަނަ ބުރަށް ދިޔުމުގެ ޗާންސް ވަރަށް ކުޑަ ކަމަށާއި މިހާރު މިއޮތީ އަމިއްލަ ބާރު ކެނޑިފައި ކަމަށެވެ.

އޭނާ ބުނީ މި މަހުގެ 26 ވަނަ ދުވަހު ގާނާއާ އެޓީމް ބައްދަލުކުރާ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އެ ޓީމުން ގާނާ ކޮޅަށް ހަ ލަނޑު ޖެހުމަށް މަޖުބޫރުވެފައި ވާކަމަށެވެ. އަދި ހަމަ އެދުވަހު އެމެރިކާއާއި ޖަރުމަނު ބައްދަލުކުރާ މެޗުން އެމެރިކާ ބަލިނުވެއްޖެނަމަ މިފަހަރުގެ ވޯލްޑުކަޕުން އެޓީމް ކަޓައިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

"އުންމީދު ކަނޑާލީ މިހާރު ގްރޫޕް ސްޓޭޖް އޮތްގޮތުން މެތަމެޓިކަލީ އޮތް ޗާންސެކޭ އޮތީ ދެވަނަ ބުރަށް ދިޔުމަށް. މުޅިން އަމިއްލަ ބާރު ކެނޑިފައި އޮތީ. ގާނާ ކޮޅަށް 6 ގޯލް ޖަހާފައި އަދި އެމެރިކާއާ ޖަރުމަނު ކުޅޭ މެޗުގެ ނަތީޖާއަށް ބަލަން ޖެހޭ. އޭގެއިން އެމެރިކާ ބަލި ނުވެއްޖެނަމަ ކެޓީ،" ކޯޗު ބެންޓޯ ބުންޏެވެ.

ގްރޫޕް ޖީ ގައި ހިމެނޭ އެމެރިކާ މުބާރާތުގަ ދެވަނަ ބުރު ކަށަވަރު ކޮށްގެން ތިއްބާ 90 މިނެޓު ހަަމަވެ އިތުރު ވަގުތުގެ އެންމެ ފަހު ވަގުތު ޕޯޗުގަލްގެ ސިލްވާރސްޓާ ވެރެލާއަ ޖެހިގޯލުން އެއްވަރުވުމުން އެމެރިކާ މުބާރާތުގެ ދެވަނަ ބުރަށް ކުރަމުން އައި އިންތިޒާރު މިވަނީ ގުރޫޕުގެ އެންމެފަހު މެޗާ ހަމަޔަށް އިންތިޒާރު ކުރަންޖެހިފައެވެ.

ގުރޫޕް ޖީގައި މިހާރު އޮތް ގޮތުން ކޮންމެ ޓީމަކަށް ވެސް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. ޕޯޗުގަލް އަދި އެންމެފަހު މެޗުގަ ގާނާ އަތުން މޮޅުވުމަކުން ޕޯޗުގަލް އަދި ފުރުސަތު ލިބީކަށް ނެތެވެ. ޕޯޗުގަލް އިން ބޮޑު ތަފާތަކުން މޮޅުވަންޖެހެ އެެވެ. ހަމަ އެހެންމެ ޖަރުމަނާއި އެމެރިކާ މެޗުގެ ނަތިޖާ ވެސް މުހިންމު ވާނެ އެވެ. ގުރޫޕްގައި މިހާރު އޮތްގޮތުން ޖަރުމަނަށް ފައިދާ ހަތަރު ގޯލް، އެމެރިކާއަށް ފައިދާ އެއް ގޯލް، ގާނާ ގެއްލުނު އެއްގޯލު، ޕޯޗުގަލްއަށް ހަތަރު ގޯލް ގެއްލިފައި ވެއެވެ.

"ނަތީޖާ ދައްކާގޮތުން ވަރަށް ރަގަޅައް އެބަ އެނގޭ މިއީ އެހާ ރަަނގަޅު ނަތީޖާއެއް ނޫންކަން. 2-2 އެއްވަރުވުމުން މެތިމެޓިކަލީ އެބައޮތް ފުރުސަތެއް. އެހެން ނަމެވެސް މަސައްކަތް ކުރަން ޖެހެނީ ވަރަށް އުނދަގޫ ހާލަތެއްގަ. އަހެރެމެންނަ ފުރަތަމަ ހާފް އެހާ ނަސީބު ރަނގަޅަކަށް ނޫން ދިޔައީ. އެކަމަކު ވަރަށް ހިތްވަރު ކޮށްގެން އެއްވަރު ކުރެވުނީ. ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން އެންމެ ފަހު މެޗުގަ،" މެޗަށްފަހު ބެންޓޯ ބުންޏެވެ.