އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް ދިވެހި ސަރުކާރުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން އުވާލި މައްސަލާގައި އިންޑިއާ އިން ދިވެހި ރައްޔިތުންނަށް ދެވެން އޮތް އެންމެ ބޮޑު ލުޔަކީ މި ސަރުކާރު ބަދަލުކުރުމުގައި އެހީތެރިވެދިނުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރު އުފެދިފައި އޮތީ ކޮން އުސޫލަކުންކަން އިންޑިއާ ސަރުކާރަށް އެނގެންޖެހޭ ކަމަށެވެ.

"އަދި އިންޑިއާ ސަރުކާރުން މިކަމުގައި ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދިނުމަށް އަޅުގަނޑު އަދިވެސް އެދެން. އަޅުގަނޑު ދެކޭގޮތުގައި އެ ލުޔަކީ ރާއްޖޭގެ ސަރުކާރު ބަދަލުކޮށްދިނުމުގައި އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނާ އެކީގައި އެ ސަރުކާރު މަސައްކަތް ކޮށްދެއްވުމޭ. އިންޑިއާ ސަރުކާރަށް ސާފުކޮށް އެނގެންވީ ހަގީގަތަކީ މި ސަރުކާރު އުފެދިފައި މި އޮތީ ކޮން އުސޫލެއްގައި ކޮން ހަމައެއްގައި ކޮން ކަންތައްތަކެއްގައިތޯ؟،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވައްޓާލުމަށް ޓަކައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެހުންނަވައިގެން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިންޑިއާގެ މައްޗަށް ރުޅިވެރިކަން އުފެއްދިކަމަށެވެ. އަދި މިއަދު ވަޒީރުކަމުގައި ތިއްބެވި ބައެއް ބޭފުޅުން ހިންދީ ބަހުން އިންޑިއާގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން ގާނޫނާ ޚިލާފަށް އުވާލީ ގާނޫނާ ޚިލާފަށް ކަމަށާއި އެކަމުގެ ސަބަބުން ބަދަލުގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ދައްކަން ނުޖެހުނު ނަމަވެސް އެ އަދަދު 800 މިލިއަން ޑޮލަރަށް ވުރެ މަދު ނުވާނެ ކަމަށެވެ.

ޖީއެމްއާރު އެއްބަސްވުން ގާނޫނާއި ޚިލާފަށް އުވާލައިފި ނަމަ ދިވެހި ސަރުކާރުން ދައްކަން ޖެހޭނެ ފައިސާގެ އަދަދު ކަނޑައަޅާނެ އުސޫލެއް ވެސް އެއްބަސްވުމުގައިވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެގްރިމެންޓް ގާނޫނާއި ޚިލާފަށް އުވާލީމާ ވެސް ދިވެހި ސަރުކާރުން ދައްކަން ޖެހޭނީ ކިހާ ފައިސާއެއްތޯ ކަނޑައެޅުމުގެ އުސޫލެއް ވެސް އެ އެގްރިމެންޓްގައިވާނެ. އެހެންވީމާ 1.4 ބިލިއަން ޑޮލަރު ހަގީގަތުގައި ޖީމްއާރަށް ބަދަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދޭން ނުޖެހުނު ނަމަވެސް 800 މިލިއަން ޑޮލަރަށްވުރެ ބަދަލު ދިނުމެއް ކުޑައެއްނުވާނެ،" ނަޝީދު ވިފާޅުވި އެވެ.

ދައުލަތުގެ ރިޒާވްގައި 100 މިލިއަން ޑޮލަރުވެސް ނެތް ކަމަށާއި ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ސަބަބުން އިގުތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމަށް މިވަނީ އިސްތިގުލާލުގެ ދަރަނިވެރިކަމެއް މެދުވެރިކޮށްފައި. އަޅުގަނޑުމެން މިގެންދަނީ އެ އަނދަވަޅަށް ވެއްޓެމުން. މުޅި ރާއްޖޭގެ ރައްޔިތުން ހޭލުމަށް އަޅުގަނޑު އެންމެހާ ރައްޔިތުނަށް ގޮވާލަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް ޖީއެމްއާރާ އެކު ދިވެހި ސަރުކާރުންވި އެއްބަސްވުމަކީ ސައްޚަ އެއްބަސްވުމެއް ކަމަށާއި އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފަ އެވެ. ނަމަވެސް ޖީއެމްއާރުން އެދިފައިވާ ގޮތަށް ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ދިނުމަށް ހުކުމްކޮށްފައެއްނުވެ އެވެ.

ޖީއެމްއާރު އެއްބަސްވުން އުވާލީ ގާނޫނާ ޚިލާފަށް ކަމަށް އާބިޓްރޭޝަނުން ފުރަތަމަ މަރުހަލާއިން ކަނޑައެޅި ނަމަވެސް ބަދަލުގެ ގޮތުގައި 1.4 ބިލިޔަން ޑޮލަރު ޖީއެމްއާރަށް ދޭން ނުޖެހޭނެ ކަމަށް ބަނޑާރައިބު މުހައްމަދު އަނީލް ވަނީ ވިދާޅުވެފަ އެވެ.