ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޙައްޤުތަކާއި މިނިވަންކަމަށް ލޯބިކުރާނެ އެވެ. ތިމާގެ ފުރާނައާއި ޢިއްޒަތުއް ނަފުސު ރައްކާތެރިކުރަން އުޅޭނެއެވެ. ތިމާގެ މުދަލާއި ގެދޮރު ޙިމާޔަތްކުރާނެއެވެ. ގިނަ މީހުން ތިމާމެންގެ އަނބިދަރީން ނުވަތަ ފިރީންނާއި މައިންބަފައިންނާއި އެއްބަނޑުއެއްބަފާ މީހުންނާއި ގާތް އެކުވެރީންނާއި ރަޙުމަތްތެރީންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށް ޙިމާޔަތްކުރަންވެސް މަސައްކަތްކުރާނެއެވެ. ނަމަވެސް އޭގެ މާނައަކީ އެ މީހަކީ، ނުވަތަ އެ ބަޔަކީ އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ޗެމްޕިއަނުން ކަމުގައި ވުމެއް ނޫނެވެ. އިންސާނީ ޙައްޤުތަކާއި މިނިވަންކަމަށް އިޙުތިރާމުކުރާ މީހުންނަކީ، އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ޗެމްޕިއަނުންނަކީ ތިމާޔާ ތިމާގެކަމުގެ ގުޅުމެއް، ރަޙުމަތްތެރިކަމެއް ނެތް މީހުންނާއި، ތިމާގެ ދުޝްމަނުންގެ ޙައްޤުތަކާއި މިނިވަންކަމަށްވެސް އިޙުތިރާމުކުރާ މީހުންނެވެ.


ޤައުމުތަކުގެ ނިސްބަތުގައިވެސް މިކަން އޮންނާނީ ހަމަ މިހެންނެވެ. އިޒްރޭލުގެ ސަރުކާރުން އެ ޤައުމުގެ ޔަހޫދީ ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކުރަން މަސައްކަތް ކޮށްފައި، އިޒްރޭލުގެ ދުޝްމަން ޢަރަބީންނާއި ފަލަސްޠީނީންގެ ޙައްޤުތަކާއި މިނިވަންކަން ފޭރި، އިންސާނިއްޔަތުކަމުގެ ކުނޑިފަށެއްވެސް ނެތް ބީދައަކުން ޢަރަބީންނާއި ފަލަސްޠީނީންނާ މެދު ކަންތައް ކުރާ ނަމަ، އިޒްރޭލަކީ އިންސާނީ ޙައްޤުތަކާއި މިނިވަންކަމަށް އިޙުތިރާމުކުރާ ދައުލަތެކޭ ބުނެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އިޒްރޭލުން ފަލަސްޠީނުގެ ސަރަޙައްދުތަކަށް އަރައި، ރެއެއް ދުވާލެއް ނުބަލައި ފަލަސްޠީނީންނަށް ކުރަމުން ގެންދާ އަނިޔާގެ ވާހަކަ މި ވަގުތަށް އެއްފަރާތުގައި ބާއްވާފައި، އިޒްރޭލުގެ ރައްޔިތުންގެ ގޮތުގައި ތިބި ޢަރަބީންނާ މެދު ޔަހޫދީން ޢަމަލުކުރާ ގޮތާ މެދު ނަޒަރުހިންގާލަމާތޯއެވެ!


ހީކުރެވިފައި އޮންނަ ގޮތާ، ނުވަތަ ޕްރޮޕެގެންޑާގެ ޒަރީޢާއިން ދުނިޔެއަށް ފަތުރާފައި އޮންނަ ގޮތާ ޚިލާފަށް ޢަރަބީން އިޒްރޭލުގައި އުޅެނީ ހުރިހާ ގޮތަކުންވެސް ދެވަނަ ދަރަޖައިގެ ރައްޔިތުންތަކެއްގެ ގޮތުގައެވެ. ޚާއްސަކޮށް މިހާރުގެ ސަރުކާރުން އިޒްރޭލުގެ ޢަރަބީންނާމެދު އިމްތިޔާޒީ ފިޔަވަޅުތައް އެޅުން އިތުރުކޮށްފައި ވެއެވެ. ހަމަ އެހެންމެ، ޢާއްމު ޔަހޫދީންގެ ތެރޭގައިވެސް ޢަރަބީންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުގެ އެތައް ޙަރަކާތެއް ހިންގެއެވެ. މިފަދަ އެއް ހަރަކާތަކީ ޖުވިޝް ބާތް ޔާމް އެވެ ކިޔޭ ޖަމާޢަތަކުން ހިންގަމުން ގެންދާ ޙަރަކާތެކެވެ. މި ޖަމާޢަތުގެ މަޤްޞަދަކީ ޔަހޫދީންގެ އަންހެން ކުދީން ޢަރަބީންނާ ކައިވަނިކުރުން ހުއްޓުވުމެވެ. ޖައްފާއާއި ޓެލް އަވީވްގެ ކައިރި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ މި ޖަމްޢިއްޔާގެ ޝިޢާރުތަކުގެ މުޅި ބިންގަލަކީ ޢަރަބީންނާ ދެކޮޅު ނަސްލީ އިމްތިޔާޒެވެ. އެ ޖަމާޢަތުން ގެންދަނީ ޢަރަބީންނާ ޔަހޫދީ އަންހެން ކުދީން ކައިވަނިކުރުމާ ދެކޮޅަށް ޔަހޫދީ ޢާއިލާތައް "ހެއިލުންތެރި" ކުރުވުމަށްޓަކައި ލުއިފޮތާއި ލީފްލެޓްތައް ބަހައި، މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުންނެވެ. މި ޙަރަކާތްތަކަށް އަޑިއަޑީން އިޒްރޭލުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި މަދަދު ލިބެއެވެ.


ވަޒީފާގެ ފުރުސަތުތައްވެސް ޢަރަބީންނަށް އޮންނަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އިޒްރޭލުގެ ޢަރަބީންގެ ޙައްޤުތަކަށްޓަކައި މަސައްކަތްކުރާ ޢަދާލަތުގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޖަމްޢިއްޔާގެ ތަރުޖަމާނެއް ކަމުގައިވާ އޯރނާ ކޮއެން ވިދާޅުވިގޮތުގައި ޢަރަބީންނަށް ވަޒީފާގެ ފުރުސަތުތައް ލިބެނީ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން، ޢަރަބި މުޖުތަމަޢުތަކަށް ޚިދުމަތްދޭ މުއައްސަސާތަކާއި މަރުކަޒުތަކުންނެވެ. ޕްރައިވެޓް ސެކްޓަރގައި ދަށް މަޤާމުތަކުގައި ޢަރަބީން ހިސާބަކަށް އުޅުނު ނަމަވެސް އެހެނިހެން ދާއިރާތަކުގައި ޢަރަބީންނަށް އޮންނަނީ ޢަމަލީގޮތުން ވަރަށް ބޮޑެތި ފިއްތުންތަކެވެ. "އިޒްރޭލުގެ ޢަރަބީންނާއި ޔަހޫދީންގެ ގުޅުން ވަރަށް ކުޑަ. ވަޒީފާ ނެތް މީހުންގެ ނިސްބަތް ޔަހޫދީ މުޖުތަމަޢާ އަޅާ ބަލާއިރު ޢަރަބި މުޖުތަމަޢުގައި މާ ބޮޑު." ކޮއެން ވިދާޅުވިއެވެ.


ޖައްފާ ފަދަ ބޮޑެތި ގިނަ ޝަހަރުތަކުގައި ޢަރަބީންގެ ކުޑަކުޑަ މުޖުތަމަޢުތައްވެސް އޮވެއެވެ. ނަމަވެސް މިހާރުވެސް އިޒްރޭލުގެ އެތައް ސަރަހައްދެއްގައި ޔަހޫދީ މުޖުތަމަޢުތަކުގެ ތެރެއިން ޢަރަބި ޢާއިލާތަކަށް ޖާގަނުލިބޭ، އަދި ގަންނަން ނުވަތަ ކުއްޔަށްވެސް ބިން ދިނުން މަނާކުރެވިފައިވާ ހިސާބުތައް އެބަހުއްޓެވެ. ދާދި ފަހުން އިޒްރޭލުގެ އެންމެ ފާހަގަކޮށްލެވޭ ދީނީ ބޮޑުން ނުވަތަ ރައްބީންގެ ކައުންސިލަކުން ވަނީ ދީނީ ފަތުވާއެއް ނެރެފައެވެ. އެ ފަތުވާގައި ޔަހޫދީން ނޫން މީހުންނަށް ގެދޮރު ކުއްޔަށް ދިނުންވެސް ޙަރާމްކޮށްފައި ވެއެވެ.


ބުނެވޭގޮތުގައި މި ފަތުވާ ނެރުނީ އިޒްރޭލުގެ އެތައް ހިސާބެއްގައި، ވަކީން ޚާއްސަކޮށް ސަފަދެވެ ކިޔުނު ޝަހަރުގައި، ޔުނިވަރުސިޓީތަކަށް ދާ ޢަރަބި ކިޔަވާ ކުދީންނަށް އުޅޭނެ ތަން ކުއްޔަށް ދެވޭތީ އެކަން މަނާކުރުމުގެ ގޮތުންނެވެ. މިކަމާ ބެހޭގޮތުން ބައިތު އާލް ގެ ރައްބީ ޝްލޯމޯ އަވިނާރ ވިދާޅުވިއެވެ. "އަހަރެމެން ނުޖެހޭނެ ޢަރަބީން އިޒްރޭލުގައި ވަޒަންވެރިވެ ނުވަތަ ވަކިހިއްޕަން އެހީތެރިވެދޭކަށް. ޔަހޫދީންގެ އެތައް ބަޔަކުވެސް ކުއްޔަށް ދޭ ތަންތަން ބޭނުންވެފައި ތިއްބައި ޢަރަބީންތައް އައިސް އެތަންތަން ކުއްޔަށް ހިފުން މިހާރު ވަނީ ޢާއްމު އުނދަގުލަކަށް ވެފައި."


ޢަރަބީންނަށް ގެދޮރާއި ބިން ކުއްޔަށް ދޭ ޔަހޫދީންނަށް ބިރުވެރި އިންޒާރުތައް ދިނުން ފަދަ ކަންތައްތައްވެސް ކަނާއަތު ފިޔައިގެ ޖަމާޢަތްތަކުން ކުރަމުން ގެންދެއެވެ. އަދި އެފަދަ މީހުން މުޖުތަމަޢުގައި "ބޭޒާރުކޮށް ފަޟީޙަތް" ކުރުމަށްޓަކައި ސަފަދު ފަދަ އެތަކެއް ސަރަޙައްދުތަކެއްގައި ޢަރަބީންނަށް ގެދޮރު ނުވަތަ ކޮޓަރިތައް ކުއްޔަށްދޭ ޔަހޫދީ ޢާއިލާތަކުގެ ނަންތައް ހިމެނޭ "ބްލެކް ލިސްޓް" ތައްވެސް ޢާއްމުކުރެވެއެވެ. މި މައްސަލައާ މެދު އިޒްރޭލުގެ ޕާރލަމެންޓުގައިވެސް ދާދިފަހުން ވާހަކަދެކެވިފައި ވެއެވެ. ނެސެޓްގައި ޢަރަބި މުޖުތަމަޢު ތަމްސީލުކުރާ މެމްބަރުން މި މައްސަލަ ނަންގަވައި، އެއީ އިޒްރޭލުގެ ޑިމޮކްރަސީއަށް ހުރި ބިރެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ބޭފުޅުންގެ ވާހަކަތަކަށް ނެސެޓްގެ ޔަހޫދީ މެޖޯރިޓީގެ ފަރާތުން އައީ މަލާމާތުގެ ރައްދެކެވެ. ނެސެޓުގައި ޢަރަބި އާބާދީ ތަމްސީލުކުރައްވާ ބޭފުޅެއް ކަމުގައިވާ ޙަނީން ޒޫބީ ވިދާޅުވިގޮތުގައި ޢަރަބީންނަށް ގެދޮރު ކުއްޔަށް ދިނުން ޙަރާމްކުރާ ފަތުވާއެއް ރައްބީންގެ ބަޔަކު ނެރުމުން އެ މައްސަލަ ޕާރލަމެންޓުގައި ނެގުނު ދަނޑިވަޅުގައި އެއީ "ނަސްލީ އިމްތިޔާޒުގެ ޢަމަލެއް" ކަމަށް ބޭރުފުށުން ވިދާޅުވި ޔަހޫދީ ޕާރލަމެންޓޭރިއަނުންގެ ޢަމަލުތަކުން އެ ބޭފުޅުން ވިދާޅުވި ބަސްފުޅަކީ މަންޒަރު ރީތިކުރުމުގެ ގޮތުން ވިދާޅުވި ބަސްފުޅެއް ކަން ސާބިތުވެއެވެ. "އިޒްރޭލުގައި އޮންނަނީ މުޅީންވެސް ދެފުށްދެގޮތްކަމާއި އިމްތިޔާޒު." ޙަނީން ވިދާޅުވިއެވެ.


ޢަރަބީންގެ ޙައްޤުތައް ނިގުޅައިގަތުމަށް ޢާއްމު ފެންވަރުގައި، އަދި ރަސްމީކޮށް ކުރެވޭ މަސައްކަތްތަކާމެދު ވަރަށް ބޮޑަށް މާޔޫސް ވެވަޑައިގެންފައި ހުންނެވި ޙަނީން ޒޫބީ ވިދާޅުވިގޮތުގައި ނެސެޓުވެސް ޢަރަބީންނާ ދެކޮޅަށް ޙަރަކާތްތެރިވެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ނިމުނު 2010 ވަނަ އަހަރުގެ ތެރޭގައިވެސް ޢަރަބީންނާ ދެކޮޅަށް، ޢަރަބީންނަށް ދަތިކުރުމުގެ ނިޔަތުގައި ދިހަ ވަރަކަށް ޤާނޫނު ނެސެޓުން ފާސްކޮށްފައި ވެއެވެ. އޭގެ ތެރެއިން އެއް ޤާނޫނަކީ އިޒްރޭލުގެ ރައްޔިތަކަށް ވާން އެދޭ ކޮންމެ ޢަރަތްބަކުވެސް، އެއީ އިޒްރޭލަށް އުފަން މީހެއް ކަމުގައި ވިޔަސް، ޒައިނިޒަމާއި އިޒްރޭލުގެ ޔަހޫދީ އައިޑެންޓިޓީއަށް ތެދުވެރިވާން ހުވައެއް ކުރަން ޖެހޭނެކަމަށް ބުނާ ޤާނޫނެވެ. މިފަދަ އަނެއް ޤާނޫނަކީ 500 އަށްވުރެ މަދު އާބާދީއެއް އޮންނަ ޔަހޫދީ މުޖުތަމަޢެއްގައި ޢަރަބީންނަށް ވަޒަންވެރިނުވެވޭނެކަމަށް ބުނާ ޤާނޫނެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުގައި އިޒްރޭލުގައި މިހާރު ގާތްގަނޑަކަށް މިފަދަ ތިރީހަކަށް ޤާނޫނަށް އަމަލުކުރެވެއެވެ. މި ޤާނޫނުތައް ބައްޓަން ކުރެވިފައިވަނީ އިޒްރޭލުގެ ޢަރަބި އާބާދީ ވީހައިވެސް މަދުކުރުމާއި، ޢަރަބީންނަށް ތަޢުލީމާއި ވަޒީފާގެ ފުރުސަތުތައް ވީހައިވެސް މަދުކުރުމާއި، ޚާއްސަކޮށް ސަރުކާރާއި ޢަދުލުއިންސާފު ޤާއިމުކުރާ އިދާރަތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ޢަރަބީންނަށް ނުލިބޭނޭގޮތް ބަލައިގެންނެވެ.


ޢަރަބީންނަށް ގެދޮރު ކުއްޔަށް ދިނުމާ ދެކޮޅަށް ފަތުވާ ނެރުނު ރައްބީންނަކީ ޔަހޫދީ ސަރުކާރުގެ މުއައްޒިފުންނެވެ. ސަރުކާރުން މުސާރަދޭ މީހުންނެވެ. އެހެންކަމުން އެ މީހުންގެ ފަތުވާއަކީ ސަރުކާރުގެ ފަތުވާއެއްކަމަށް ވެސް ބެލެވިދާނެއެވެ. މި ފަތުވާއަށް ޔަހޫދީ ޢާއްމުންގެ ތާއީދު އޮތްތޯ ބެލުމަށްޓަކައި އިޒްރޭލުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ ޔީ ނާތު އިން ވަރަށް ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ރައްޔިތުންގެ ތެރެއިން ދީނާ ދުރުހެލި، ޢިލްމާނީ ވިސްނުމުގެ މީހުންގެ 41 އިން ސައްތަ މީހުން އެ ފަތުވާއަށް ތާއީދުކުރެއެވެ. އަދި ދީނީ ވިސްނުން ހުންނަ މީހުންގެ ތެރެއިން 88 އިން ސައްތަ މީހުން އެ ފަތުވާ ބަލައިގަތީ ހިތްހަމަޖެހުމާ އެކުގައެވެ. މިއީވެސް އިޒްރޭލުގައި ޢަރަބީންނާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅެނީ ވަކި ޖަމާޢަތެއް ނުވަތަ ވަކި ބައެއް ނޫންކަމާއި، އެ ސިޔާސަތަށް ޢާއްމުންނާއި ސަރުކާރުގެ ތާއީދުވެސް އޮތް ކަމުގެ ހެއްކެކެވެ.


ކޮންމެއަކަސް މި ކަހަލަ އެތައް ގޮތަކުން އިޒްރޭލުގެ ޢަރަބީންނާ ދެކޮޅަށް ޤައުމުގެ ސަރުކާރާއި ޢާއްމުން ގުޅިގެން މަސައްކަތްކުރަމުން ގެންދާ އިރު ވެސް، ދުނިޔޭގެ މަސްރަޙުގައި ވަކި ހިއްޕާލާފައިވާ މީޑިއާ މެޝިނުން ޕްރޮޕެގެންޑާ ފަތުރަނީ ޙަޤީޤަތާ މުޅީން ޚިލާފަށެވެ. މިއީ މިއަދުގެ ދުނިޔޭގައި އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ޝިޢާރުތައް ގޮވާ މީހުންގެ ދޮގުވެރިކަމާއި މުނާފިގުކަމުގެ ހެކިތަކެވެ.