ރާމަﷲ (ޖޫން 23) : ހުޅަނގު އައްސޭރީގެ ނާބުލްސްގައިވާ ފަލަސްތީނުގެ ރެފިއުޖީ އަވަށަކަށް އިސްރާއީލު ސިފައިން ބަޑިން ހަމަލާދީ ފަލަސްތީނުގެ އިތުުރު ޒުވާނަކު ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނާގޮތުން އެޖަރީމާ ހިންގާފައިވަނީ އެ އަވަށަށް އިސްރާއީލު ސިފައިން ހަތިޔާރާއެކު ވަދެ ރެފިއުޖީންނަށް ބިރުދެއްކުމުގެ ގޮތުން ދިން ބަޑީގެ ހަމަލާތަކެއް އެޒުވާނާގެ މެއަށް އެރުމުގެ ސަބަބުންނެވެ. އިސްރާއީލު ސިފައިން ބަޑިން ދިން ހަމަލާތައް އަރައިގެން ޝަހީދުވި ފަލަސްތީނުގެ ޒުވާނަކީ އަހުމަދު ފަހުމާވީ ކަމަށާ އޭނާގެ މެޔަށް ހަތަރު އުންޑަ އަރާފައިވާ ކަމަށްވެސް އެނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާ ބުނެއެވެ.

އިސްރާއީލުގެ ތިން ޒުވާނަކު ހުޅަނގު އައްސޭރީގައި މިދިޔަ ހަފްތާގައި ގެއްލުމާ ގުޅިގެން އެއީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ހިންގި އަމަލެއް ކަމަށްބުނެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިދިޔަ ހަފްތާއިން ފެށިގެން އިސްރާއީލު ސިފައިން ގެންދަނީ މީހުން މެރުމާއި ބިރުދެއްކުމާއި އަމަން އަމާންކަން ނަގާލުމުގެ ޓެރަރިޒަމްގެ އަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ އަމަލުތަކުގައި އިސްރާއީލު ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ރަށްތަކާއި ވިލެޖްތަކަށާ އަދި ރެފިއުޖީންގެ އަވަށްތަކަށް ހަމަލާދީފަ އެވެ.

އަދި ގައްޒާގެ އެތަށް ސަރަހައްދަކަށް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓު ތަކުން ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުގެ އެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައި އެތަށް ބަޔަކު ޒަޚަމްކޮށް ބައެއް އިމާރާތްތައް ހަލާކުކޮށްލާފައިވާއިރު އިސްރާއީލު ސިފައިންވަނި ފަލަސްތީނުގެ 330 މީހުން ޝަރީއަތަކާ ނުލައި ހައްޔަރު ވެސް ކޮށްފަ އެވެ. ގެއްލިފައިވާ އިސްރާއީލުގެ ތިން ޒުވާނުންނަކީ ހުޅަނގު އައްސޭރީގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމުގެ ގޮތުން އެސަރަހައްދުގައި ގާނޫނާ ހިލާފަށް އިސްރާއީލުން ވަޒަންވެރިކޮށްފައިވާ ޔަހޫދީ ވަޒަންވެރިންގެ ތެރޭގައި ހިމެނޭ ބައެކެވެ.

އެޔަހޫދީންނަކީ ދުނިޔޭގެ އެކިގައުމުތަކުގެ ޔަހޫދީންނެވެ. އެމީހުން ފަަލަސްތީނުގެ ބިމަށް ގެންނަނީ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކޮށްގެން އިސްރާއީލުގެ ބާރުގަދަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދަތިކޮށް އުނދަނގޫކުރުމަށް އިސްރާއީލުން ގެންގުޅޭ އިސްތިއުމާރީ ސިޔާސަތުގެ ދަށުންނެވެ. އެގޮތަށް ހުޅަނގު އައްސޭރީގައި ވަޒަންވެރި ކުރުވާ ޔަހޫދީން ގެންދަނީ ފަލަސްތީނުގެ ދަނޑުތައް ހަލާކުކޮށް ރައްޔިތުންނަށް ބިރުދައްކައި ގެދޮރަށް ހަމަލާދީ ޖެއްސުން ކުރުމާއި ބިރުދެއްކުމުގެ ހަރުކަށި އަމަލުތަކެއް ހިންގަމުންނެވެ.