23 Jun 2014, 09:50
ޒަމާނުއްސުރެ ދިވެހިންނަކީ އެކުވެރި ކަމުގައި އެހެން މީހުންނަށް ނަމޫނާ ބައެކެވެ. ކާބަފައިންގެ ޖީލުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިންގެ ތެރޭގައި އޮންނަ ދީނީ އެއްބައެއްވަންތަކަމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރި ވުމަކީ ދިވެހިންގެ ހަށީގައި އަށަގެންފައިވާ ރީތި އާދައެކެވެ. ގޭގައި ކާއެއްޗެއް ހަދައިފި ނަމަ ޖެހިގެން ހުރި އަވައްޓެރިޔާގެ ގެއަށް ވެސް އެއިން ކޮންމެވެސް މިންވަރެއް ފޯރުކޮށްދިނުމާއި މާލޫދު ކެއުން، އީދު ދުވަސް ފަދަ ބޮޑަތި ހާއްސަ ރަސްމިއްޔާތު ތަކުގައި ފެނިގެންދާ އެކުވެރިކަން މީގެ ހެއްކަކަށް ފުދެ އެވެ.
އެފަދަ ރީތި ނަމޫނާއެއް ދައްކަމުން އައި އަތޮޅުތެރޭގެ ރަށެއްގެ ރައްޔިތުންތަކެއް މިހާރު ވަނީ މާޔޫސް ކަމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ރައްޔިތުންތަށް ދައްކަމުން އައި އެކުވެރިކަމުގެ ލާމަސީލު މިސާލަށް މިވަނީ ހުރަސްތަކާ ކުރިމަތ ވެފަ އެވެ. ރައްޔިތުން އެކުގައި އީދު ނަމާދު ކޮށްލައި ގުޅުންބަދަހިކޮށް އަތާއަތް ޖޯޑުކޮށްލާން ހުރިތަން ނެތި ދިޔައީ އެވެ. ދަންނަވާލަން މިއުޅެނީ އއ. ތޮއްޑޫގައި މީގެ އަށް އަހަރުކުރިން 2007 ވަނަ އަހަރު ހުރި ބޮޑު "ހުކުރު މިސްކިތް" ތަޅާލުމަށްފަހު އެތަނުގައި ހަދަންފެށި މިސްކިތް ނުނިމި މަޑުޖެހިފައި ހުރި ވާހަކަ އެވެ.

މިސްކިތް ތަޅާލުމުގެ ކުރިން އެތަނަކީ ކިހާވަރެއްގެ ކޮން ހާލަތެއްގައި ހުރި ތަނެއްތޯ ބަލައި އަލި އަޅުވާލާނަމެވެ. ހުކުރު ނަމާދާއި އީދު ނަމާދު ފަދަ ބޮޑަތި ނަމާދުތަކަށް ތޮއްޑޫގެ ހުރިހާ ރައްޔިތުންހެން ގޮސް އުޅެނީ އެ ހުކުރު މިސްކިތަށެވެ. މީހަކު ނިޔާވެއްޖެ ނަމަ ކަށުނަމާދު ކުރުމާއި ރަމަޟާން މަހު ތަރާވީހް ނަމާދު ފަދަ ނަމާދުތަކަށް ވެސް ދާނީ އެ މިސްކިތަށެވެ. ބޭނުމަކީ ކޮބައިތޯއެވެ. ކުރިން ވެސް ދެންނެވި ފަދައިން އެންމެން އެއްވެ އެކުވެރިވެލައި އަތާއަތް ޖޯޑުކޮށްލުމެވެ. މިސްކިތުގެ ހާލަތަށް ބަލައިލާއިރު މިސްކިތް ހުރީ ރައްޔިތުންނަށް އެއްވެ ނަމާދުކޮށް ނުލެވޭފަދަ ހާލަތެއްގައެއް ނޫނެވެ. މިސްކިތާ ދޭތެރޭ ރަށު ރައްޔިތުންގެ އެއްވެސް ޝަކުވާއެއް ނެތެވެ.
"ހަމަ ބަރާބަރު ވާނެ. ފެން ލިބޭނެ، ފަންކާ ބޮކިތަށް ބަރާބަރަށް މަސައްކަތް ކުރާނެ. ސައުންޑް ސިސްޓަމް ތަށް ވެސް ރަނގަޅު. އެއްވެސް މައްސަލަ އެއް ނެތް އެތަން ތަޅާލިއިރު. ހަމަ އެކަނި ތަންކޮޅެއް ކުރީގެ މިސްކިތަކަށް ވީކަން،" ތޮއްޑޫގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ހަސަން ބުންޏެވެ.
ޖުމްލަ ދެ އަވަށަކަށް އާބާދުވެފައިވާ ތޮއްޑޫގެ 2600 އެއްހާ މީހުންނަށް ނަމާދު ކޮށްލެވޭ ވަރުގެ ތިން މިސްކިތް އެ ރަށުގައި ހުއްޓެވެ. އެގޮތަށް އެތަށް ޒަމާންތަކެއް ވަންދެން އެ ހުކުރު މިސްކިތުގައި ނަމާދުތަށް ކުރަމުން ދަނިކޮށް، ތޮއްޑޫގެ ރައްޔިތުންނަށް ލިބުނީ އަދި މާ އުފާވެރި ހަބަރެކެވެ. އޭރު ހުރި އެންމެ ބޮޑު މިސްކިތް ތަޅާލުމަށްފަހު ހަމަ އެތަނުގައި އެއަށްވުރެ ބޮޑުކޮށް ދެބުރީގެ މިސްކިތެއް ބިނާ ކުރައްވަން ރާއްޖޭގެ ބޮޑު ކުންފުންޏެއް ކަމަށްވާ ވިލާ ފައުންޑޭޝަނުން ހަވާލުވި ހަބަރު ލިބުމުންނެވެ. ކޮންމެއަކަސް އެހިސާބުން ރައްޔިތުން ވެސް ކަމާކަންފަށާ އެ މިސްކިތް އަވަހަށް ބިނާކޮށް ދެއްވުމަށް އެ ބޭފުޅެއްގެ އަރިހުގައި އެދި އެކަމަށް ތާއީދު ކުރިއެވެ.
"ވަރަށް އުފަލުން ހުރީ މިސްކިތެއް ބިނާ ކޮއްދޭ ވާހަކަ ބުނީމަ. އޭރު ތިބީ މިސްކިތް ތަޅާލާނެ ދުވަހެއް ބަލަން. އެކަމަކު މިހާރު އެބަ ހިތަށް އަރާ އެ މިސްކިތް ތަޅާލުމާ ދެކޮޅު ހެދުނު ނަމައޭ ވެސް،" ތޮއްޑޫގެ އުމުރުން ދުވަސްވީ ރައްޔިތެއް ބުންޏެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުކުރު މިސްކިތް ތަޅާ ބިމާ ހަމަކޮށްލި އެވެ. އެހިސާބުން ރައްޔިތުން ނަމާދު ކުރަމުން އައީ ރަށުގައި ބާކީ ހުރި ދެ މިސްކިތުގަ އެވެ. ހުކުރު ނަމާދު ނުވަތަ އީދު ނަމާދު ފަދަ ބޮޑަތި ނަމާދުތަކުގައި އެ ދެ މިސްކިތް ވެސް ފުރި ބާރުވެ އެވެ. ނަމަވެސް އެކަމާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ކީއްވެތޯއެވެ. ބިޔަ ބޮޑު ހުކުރު މިސްކިތެއް ކުރިޔަށް އޮތް ދެތިން އަހަރު ތެރޭގައި ތޮއްޑޫގައި ބިނާ ކުރައްވަން ބޭފުޅަކު ހަވާލުވެ މަސައްކަތް ފައްޓަވާ ދެއްވާ ކުރިޔަށް ގެންދަވާތީ އެވެ.

މިސްކިތް ހަދަން ފެށިފަހުން ގާތްގަނޑަކަށް 2010 ހިސާބުގައި މިސްކިތުގެ މަސައްކަތް މަޑުޖެހިލި އެވެ. އެގޮތަށް ދުވަސްގަނޑެއް ވަންދެން އޮތުމުން ރަށުގެ ބައެއް ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ. ނަމަވެސް އެއީ ބޭނުންވާ ބައެއް ތަކެތި އައުން ލަސްވާތީ ކަމުން އެއީ މާބޮޑު ކަމަކަށް ނުހަދާ އަނެއްކާވެސް ހިތް ސާފުކޮށްލި އެވެ. އަނެއްކާވެސް މަސައްކަތް ވަރަށް ބާރަށް ފެށި އެވެ. މިސްކިތުގެ ފާރުތަށް ނިންމާ ކުލަލާ ޒީނަތްތެރި ކޮށްލި އެވެ. ބޮޑު ރަން ގުއްބެއް މިސްކިތުގެ މަތީގައި ޖަހާލި އެވެ. މިސްކިތުގެ އެތެރެވެސް އަދި ބޭރުވެސް ޒީނަތްތެރިކަމުގެ ކުލަތަކުން ޖަރީކޮށްލި އެވެ. އިސާހިތަކު ތޮއްޑޫގެ ރައްޔިތުންގެ މޫނުން އުފާވެރިކަމުގެ ކުލަވަރު ފެންނަން ފެށި އެވެ. ބާކީ ހުރީ އަލިކުރަން ބޭނުންވާ ބައެއް ބޮކިތަށް ހަރުކޮށްލާ ހެދުން ކަހަލަ އެންމެ ފަހު މަރުހަލާގެ ކުދިކުދި މަސައްކަތް ތަކެވެ.
"ކައުންސިލަށް އެނގިފައިވާ ގޮތުން މި ރޯދަމަހަށް މިސްކިތް ނިންމަން ކުރިން އޮތީ ކަނޑައަޅާފައި. އެހެންވެ މާބޮ ޕުޝްއެއް އެކަމަކަށް ނުކުރަން. އެކަމަކު އަދިވެސް ހަބަރެއް ނުވޭ. އަޅުގަނޑަކަށް ހިޔެއް ނުވޭ މިހާރު ފަށައިގެން ރޯދައަށް ނިންމޭނެ ހެނެއް. ބައެއް އާންމުން ވެސް އެކަމާ އެބަ ޝަކުވާ ކުރޭ،" ތޮއްޑު ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވި އެވެ.
ތޮއްޑޫގެ ކުރީގެ ހުކުރު މިސްކިތް ތަޅާލީއްސުރެ އެރަށު ރައްޔިތުން ތިބެނީ އައު މިސްކިތުގައި ދެން އީދު ނަމާދު ފަދަ ނަމާދެއް ކޮށްލެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ތޮއްޑޫ މީހުން މިސްކިތާ ދޭތެރޭ ދެކެމުން އައި ހުވަފެން ތަކުގައި ބައެއް ފަހަރު ކުލަޖެހެމުން އައި ނަމަވެސް އެ ހުވަފެނަކީ ދުވަހަކުވެސް ނިމުމެއް ނެތް ހުވަފެނެއް ކަމަށް މިހާރު އެރަށު ގިނަ ބަޔަކަށް ވަނީ ގަބޫލު ކުރެވިފަ އެވެ. ހުއްޓެމުން މަސައްކަތް ކުރަމުން އައި މިސްކި ދާދި ނިމުމުގެ މަރުހަލާގައި އޮއްވައި މިސްކިތުގެ މަސައްކަތް 2012 ވަނަ އަހަރުގެ ފުރަތަމަކޮޅު ހުއްޓުނުގޮތަށް އަދިވެސް ހުރީ އެގޮތުގަ އެވެ. މިސްކިތުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރާތަނެއް ނުފެނެ އެވެ.
"އަހަރެން ހީކުރީ އެވަރު ބޮޑު ކުންފުންޏަކާ ހަވާލު ކުރީމަ ވަރަށް އަވަހަށް ނިންމާލަދޭނެ ކަމަށް. އެކަމަކު މިހާރު އެހިސާބައް ގެންގޮއްސަ އެހުރީ މިސްކިތުގެ މަސައްކަތް ހުއްޓާލާފަ. ނޭންގެ މިއަހަރު ވެސް ތިތާ ނަމާދެއް ކޮއްލެވޭނެ ވަރު ވާނެކަމެއް. ވަރަށް ދެރަކަމެއް މިސްކިތް ތަޅާލާފަ އެތާ މިސްކިތް ނުނިންމާ ދިނީމަ،" ތޮއްޑޫގެ އުމުރުން 22 އަހަރުގެ ޒުވާނާ ހަސަން ނަފީޒް ބުންޏެވެ.
ތޮއްޑޫގެ ރައްޔިތުން މިހާރު ދެކެމުން އަންނަނީ އެ ރަށު ހުކުރު މިސްކިތަކީ ދުވަހަކުވެސް މަސައްކަތް ނިމުމަކަށް ނާންނާނެ މިސްކިތެއް ކަމަށެވެ. މިސްކިތަކީ މި ބިމުގައި އެންމެ މާތް ކުރައްވާފައިވާ ބިނާކަމަށް ވާއިރު އެ މިސްކިތް ވެފައި މިވަނީ ރައްޔިތުންނަށް ދައްކާ ހުވަފެނަކަށް ވެފަ އެވެ. ކުރީގައި ކަންކުރަމުން އައި ގޮތަށް އެ ހުކުރު މިސްކިތުގައި އަނެއްކާ ވެސް ހުކުރު ނުވަތަ އީދު ނަމާދެއް ކޮއްލެވޭނެ ވަގުތަކަށް ތޮއްޑޫގެ ގިނަ ބަޔަކު އެދެ އެވެ. ޖާގަ ތަނަވަސް ރަށުގެ މެދުގައި ހުރި މިސްކިތް ފުރިހަމަ ކުރާނެ ދުވަހަކަށް ރައްޔިތުން ދަނީ އިންތިޒާރު ކުރަމުންނެވެ.