މެޗު ނިމެން ވިއްސަކަށް ސިކުންތަށް ވެފައި ވަނިކޮށް ލިބިއްޖެއެވެ.

'ޕޯޗުގީޒު ނޭވާ ހޮޅިއަށް އެޅިފައި' ވަނިކޮށް އެޓީމު ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދިން ލަނޑު ވަރޭލާ ކާމިޔާބުކުރީ، ވާތުފައިގެ ކަކުލު ހުޅަށް ލިބިފައިވާ އަނިޔާއަކާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ޕޯޗުގީޒު ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އެމެރިކާގެ ގޯލް ކުރިމައްޗަށް ނަގައިދިން ރީތި ހުރަހެއް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މަނާއުސްގެ އެރިޒޯނާ އެމެޒޯނިއާގެ ގަދަ ހޫނުގައި ކުޅުނު ގްރޫޕް ފޯރިގަދަ މެޗުގެ ފުރަތަމަ ފަސްވަރަކަށް މިނިޓްގެ ތެރޭގައި ޕޯޗުގީޒުން ލަޑެއް ޖަހައި މެޗުގެ ކުރި ހޯދުމުން އެޓީމުން މެޗުގެ ކޮންޓްރޯލް ނެގީކަމަށް ބެލެވުނު ނަމަވެސް އެމެރިކާއިން ވަނީ، ވަރުގަދަ ރައްދެއް ދީ، ދެވަނަހާފުގެ މެދެއްހާ ހިސާބުން ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ އޮއިވަރު އެއްކޮށް އަނބުރާލައިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 5 ވަނަ މިނިޓުގައި ޕޯޗްގަލްއަށް ކާމިޔާބުކޮށް ދިނީ ލުއިސް ނާނީއެވެ. އެހެން ނަމަވެސް ނާނީގެ އެ ލަނޑާއެކު އެމެރިކާއިން ވަނީ، އިތުރަށް ކުޅުން ވަރުގަދަކޮށް ފުރަތަމަ ހާފުގައި ވެސް ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ.

އެމެރިކާއަށް މެޗުގެ ނަތީޖާ 1-1 އިން ހަމަހަމަ ކޮށްދިން ލަނޑު 64 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޖާމެއިން ޖޯންސްއެވެ. ޖޯންސް އެ ލަނޑު ކާމިޔާބުކުރީ، ޕޯޗުގަލްގެ ޑިފެންސް ލައިން ފޫއަޅުވާލާފައި ގްރެހަން ޒޫސީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އެމެރިކާއިން މެޗުގެ ކުރި ހޯދި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 81 ވަނަ މިނިޓްގައި ކްލިންޓް ޑެމްޕްސީއެވެ. އެމެރިކާ ކެޕްޓަން އެ ލަނޑު ކާމިޔާބު ކުރީ، ޕޯޗުގަލްގެ ގޯލް ކުރިމައްޗަށް ޒޫސީ ހުރަސްކޮށްލި ބޯޅަ ބަނޑުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ޑެމްޕްސީގެ އެ ލަނޑާއެކު އެމެރިކާއަށް ދެވަނަ ބުރުގެ ޖާގައެއް ލިބިލިބިއޮއްވައި އޭގެ ހުރަހަކަށް ވީ، ވަރޭލާ ޕޯޗުގީޒަށް ފަހު ވަގުތު ޖަހައިދިން ލަނޑެވެ.

މި މެޗުގެ ނަތީޖާއާ އެކު ގްރޫޕް "ޖީ"ގެ އެއްވަނައިގައި އޮތް ޖަރުމަނާއި ދެ ވަނައިގައި އޮތް އެމެރިކާއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައި ވާއިރު، ތިން ވަނައިގައި އޮތް ގާނާއާއި ގްރޫޕުގެ ފުލުގައި އޮތް ޕޯޗުގަލްއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

މި ގްރޫޕުގައި ހަތަރު ޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އޮތް ނަމަވެސް ޕޯޗްގަލްއަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނީ ޖަރުމަނު އަތުން އެމެރިކާ ބަލިވެ، ގާނާއަތުން ޕޯޗުގަލް މޮޅުވެ އެ ދެ މެޗުގެ ނަތީޖާއިން ޕޯޗްގަލްއަށް ލަނޑުގެ ތަފާތުން ކުރި ހޯދިއްޖެ ނަމައެވެ. އެހެން ނަމަވެސް ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ވެސް އެމެރިކާއަށް ޖަރުމަނާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ.

ގްރޫޕް ގީގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ، އަންނަ ބުރާސްފަތިދުވަހުގެ ރޭ 9:00ގަ އެވެ. އެމެރިކާއާއި ޖަރުމަނު ރެސިފޭގައި ބައްދަލުކުރާއިރު ޕޯޗުގަލްއާއި ގާނާގެ މެޗު ކުޅޭނީ ބްރަސީލިއާގައެވެ.