23 Jun 2014, 02:36
ފުރަތަމަ ހާފުގައި އިސްލާމް ސްލިމާނީއާއި ރަފީގީ ކިލާޗީއާއި އަބްދުލްމުއުމިނީ ޑިޖާބޫ ކާމިޔާބު ކުރި ލަނޑުތަކާ އެކު 4-2 ލަނޑުން ކޮރެއާ ރިޕަބްލިކް ބަލިކޮށް، އަލްޖީރިއާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ އުންމީދު އާކޮށްފި އެވެ.
ފުރަތަމަ ހާފުގައި އަލްޖީރިއާއިން 3-0 ގެ ލީޑެއް ނަގައި އެޓީމުން ވަނީ، 1982 ވަނައަހަރުގެ ފަހުން ވޯލްޑް ކަޕުގައި ހޯދި ފުރަތަމަ މޮޅު ހޯދުމަށް ކޮރެއާގެ ވަރުގަދަ އެޓޭކިން ގޭމް ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
ޕޯޓޯ އަލެގްރޭގެ ބެރިއާ-ރިއޯ ސްޓޭޑިއަމްގައި ޖުމުލަ ހަ ލަނޑު ފެނިގެން ދިޔަ ގްރޫޕް "އެޗް"ގެ ފޯރިގަދަ މެޗަށް ނުކުތްއިރު ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތް އަލްޖީރިއާއަށް ވަނީ، މި މޮޅާއެކު ގްރޫޕުގެ ދެވަނަ ލިބިފައެވެ. ރަޝިޔާ އަތުން މިރޭ 1-0 އިން މޮޅުވެ ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައި ގައި އޮތް ބެލްޖިއަމަށް ވަނީ، ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ވެފައެވެ. އަދި މިރޭގެ މެޗުތަކުން ބަލިވި، ރަޝިޔާއާއި ކޮރެއާ ކުޅުނު ފުރަތަމަ މެޗުން ދެޓީމު އެއްވަރު ވެ ލިބުނު އެއް ޕޮއިންޓާއެކު މި ދެޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު ވަނީ އަދިވެސް ހުޅުވިފައެވެ.
މެޗުގެ 26 ވަނަ މިނިޓުގައި އަލްޖީރިއާ އަށް ކޮރެއާގެ ގޯލް ހުޅުވާލަ ދިނީ، ސްލިމާނީއެވެ. ކޮރެއާގެ ޕެނަލްޓި އޭރިޔާ ތެރެއަށް ކާލް މެޖާނީ ފޮނުވާލަދިން ތްރޫ ޕާހެއް ބާރު ދުވެލީގައި ގޮސް ހޯދުމަށްފަހު ސްލިމާނީ އެ ބޯޅަ ގޯލްތެރެއަށް ފޮނުވާލީ ބޯޅައަށް އެރި ގޯލް ކީޕަރުގެ އަތްމަތިންނެވެ.
އަލްޖީރިއާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ ދެ މިނިޓް ތެރޭގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ، ހިލާޗީއެވެ. މެޗުގެ 27 ވަނަ މިނިޓްގައި ހިލާޗީ އެ ލަނޑު ޖެހީ ޑިޖާބޫ ކޯނަރަކުން ކޮރެއާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓްގައި ކާމިޔާބުކުރީ، ކޮރެއާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ސްލިމާނީ ނަގައިދިން ރީތި ހުރަހެއް ގޯލް ތެރެއަށް ފޮނުވާލައިގެން ޑިޖާބޫއެވެ.
ދެކުނު ކޮރެއާއިން މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށީ އިތުރު ހިތްވަރަކާ އެކު ކުޅުން ވަރުގަދަ ކޮށްގެންނެވެ. އޭގެ ނަތީޖާއަކަށް ވީ، އަލްޖީރިއާގެ ޕެނަލްޓީ އޭރިޔާތެރެއަށް ކީ ސުން ޔެން ފޮނުވާލި ތްރޫ ބޯޅައެއް ގޯލް ތެރެއަށް ފޮނުވާލައިގެން 49 ވަނަ މިނިޓުގައި ސޮން ހޫންގ މިން ލަނޑެއް ކާމިޔާބުކޮށް ކޮރެއާއަށް އުންމީދު އާކޮށްދިނުމެވެ.
ކޮރެއާއިން ލަނޑެއް ކާމިޔާބުކޮށް އަލްޖީރިއާ ކޮޅަށް ހަމަލާތައް ވަރުގަދަ ކުރަމުން ދަނިކޮށް އެޓީމުގެ ގޯލަށް އިތުރު ލަނޑެއް ވައްދައިލީ މެޗުގެ 62 ވަނަ މިނިޓުގައެވެ. އަލްޖީރިގެ ހަތަރު ވަނަ ލަނޑު އެޓީމަށް ޖަހައި ދިނީ، ސޮފިއާނޭ ފެޣޫލީ ތަނަވަސް ކޮށްދިން ފުރުސަތަކުން ޔެސިން ބްރަހިމީއެވެ.
ކޮރެއާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، މެޗުގެ 72 ވަނަ މިނިޓުގައި ކޫ ޖާ ޗިއޮލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަލްޖީރިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލީ ކެއުން-ހޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
ގްރޫޕްގެ ފަހު ދެމެޗަށް ކޮރެއާ، ރަޝިއާ އަދި އަލްޖީރިއާ ނުކުންނާނީ މަރުގެ ކުރިމަތިލުމަކަށެވެ. އެގޮތުން މި މަހުގެ 27 ވަނަ ދުވަހުގެރޭ މެންދަމު 01:00 ގައި ގްރޫޕްގެ އެއްވަނައިގައި އޮތް ބެލްޖިއަމްއާ ދެކޮޅަށް ކޮރެއާ ނުކުންނައިރު، ހަމަ އެ ގަޑީގައި އަލްޖީރިއާ ނުކުންނާނީ ރަޝިއާއާ ދެކޮޅަށެވެ.