ނަސްލީ ތަފާތުކުރުންތަކާއި ދީނީގޮތުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދައާއި ހަމަނުޖެހުންތައް އުފެދޭ ގޮތަށް އާންމު ތަންތާގައި ވާހަކަ ދެއްކުމަށް އެއްވުންތައް ބޭއްވުން އަވައްޓެރި ސްރީ ލަންކާގައި މަނާކޮށްފި އެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ އަޖިތު ރޯހާނާ މިއަދު، ލަންކާގެ މީޑިއާއަށް ވިދާޅުވީ، އެފަދަ އެއްވެއުޅުންތައް މަނާކުރީ، ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ މައްޗަށް ނެރުއްވި އަމުރާ ގުޅިގެން ކަމަށެވެ.

ރާޖަޕަކްސަ ލަންކާގެ ފުލުހުންނަށް އަމުރު ކުރައްވާފައި ވަނީ، އަމިއްލަ މީހަކު ވިޔަސް އަދި ޖަމާއަތަކުން ވިޔަސް ދީނީ އަދި ނަސްލީ ގޮތުން މީސްތަކުންގެ މެދުގައި ނަފުރަތު އުފައްދަން މަސައްކަތް ކޮށްފި ނަމަ، އެ މީހަކު ނުވަތަ އެ ބަޔަކާ ދޭތެރޭގައި ހަރުކަށި ފިޔަވަޅު އެޅުމަށެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުރިހާ ފަރާތްތަކަށް ވެސް ފުރިހަމައަށް ލިބިގެން ވާ ކަމަށާއި އެހެން ނަމަވެސް ވަކި ނަސްލަކާ ދެކޮޅަށް އަދި ވަކި ދީނަކާ ދެކޮޅަށް މީސްތަކުންގެ ހިތުގައި ނަފުރަތު އުފެއްދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.

"އެފަދަ އެއްވުމެއް ބޭއްވުމުގެ ފުރުސަތު ފުލުހުން ނުދޭނެ. އަދި އެފަދަ ކަމަށް ހުއްދަވެސް ނުދޭނެ،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

މުސްލިމުންނާ ދެކޮޅަށް ލަންކާގެ ސިންހަޅަ ބުޑިސްޓުންގެ ތެރޭގައި ހިމެނޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސޭނާ (ބީބީއެސް) އިން ހިންގަމުން ގެންދާ ޖަރީމާތަކާ ދެކޮޅަށް މުސްލިމުން ބާއްވާން އުޅޭ ބޮޑު އެއްވުމަކަށް އިޝާރާތް ކުރަށްވައި އަޖިތު ވިދާޅުވީ، މިވަގުތަކީ އެފަދަ އެއްވުމެއް ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

އަޖިތު ވިދާޅުވީ، ލަންކާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހަރުކަށި ބުޑިސްޓުން ހިންގަމުން ގެންދާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި މިއަދު ވެސް ބުޑިސްޓުންގެ ހަ މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އެމީހުންނަކީ ވެރިރަށް ކޮލަމްބޯގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ހަޅުތާލެއްގައި މުސްލިމުންގެ ފިހާރަތަށް ބަންދުކުރުމަށް މަޖުބޫރުކޮށް ބައެއް ފިހާރަ ވެރިންނަށް އިންޒާރުދީ ހެދި ހަ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، މުސްލިމުންގެ ފިހާރަތައް ބަންދު ކުރުމަށް މަޖުބޫރުކޮށް އިންޒާރުދީ ހެދި ހަ މީހުންނަކީ، މަލިގަވަތޭގެ ޕްރޮވިންޝަލް ކައުންސިލް މެންބަރަކު ބުނެގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވިފައި ވާތީ، ފުލުހުން ދަނީ އެމައްސަލަ ބަލައި އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.