ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން އެ މަގާމުން އިސްތިއުފާ ދިނީ، ތަނުގެ އެއްވެސް ވެރިޔަކާ މައްސަލައެއް ޖެހިގެން ނޫންކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، ސުޒޭންގެ އިސްތިއުފާއާ ގުޅިގެން ތަފާތު ގޮަތްގޮތަށް ވާހަކަ ދެކެވެމުން ދިޔަނަމަވެސް އޭނާ އިސްތިއުފާ ދިނީ އެ އިދާރާގެ ވެރިޔަކާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ. އަދި ފާއިތުވި ދުވަސް ތަކުގައި އެފްއޭއެމް ހިންގުމުގައި ސުޒޭންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް ވެސް އޮފިޝަލް ވިދާޅު ވިއެވެ.

މިދިޔަ މަހު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕަށް ފަހު، އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދާއި ސުޒޭނާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް މާޒިޔާގެ ކޯޗު ކަމާ ހަވާލުވުމުގެ އެއްބަސް ވުމުގައި ސޮއިކުރުމަށް ފަހު މަޒާޑާ ރެސްޓޯރެންޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ސުޒޭން ބުނީ، އެފްއޭއެމްގެ ވަޒީފާ ދޫކޮށްލީ އެތަނުގެ ވެރިޔަކާ ވެސް އަދި އެހެން މުވައްޒަފަކާވެސް އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި، އެފްއޭއެމް ހިންގުމުގައި މިވަގުތު އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށެވެ.

ސުޒޭން މާޒިޔާގެ ކޯޗް ކަމާ ހާވލުވެފައި މިވަނީ ފާއިތުވި އަށް އަހަރުގެ އެކުލަބުގެ ކޯޗް ކަމުގެ މަގާމުގައި ހުރި އިސްމާއިލް މަހުފޫޒް (އިންމަ) އެ މަގާމުން އިސްތިއުފާ ދިންތާ ދެ ދުވަސް ފަހުންނެވެ.

މާޒިޔާގެ ކޯޗް ކަމާ ސުޒޭން ހަވާލުވިއިރު، މީގެ ކުރިން ސުޒޭން ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް ކަމުގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗްކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައެވެ.