ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް "އޭ"ގެ ފަހު މެޗުގައި ކެމަރޫނާ ދެކޮޅަށް ބްރެޒިލް ނުކުންނައިރު ކެމަރޫން ޓީމަކީ ބަލިޓީމެއް ކަމަށް ބްރެޒިލްގެ އެއްވެސް ކުޅުންތެރިއަކު ބަލައިގެން ނުވާނެ ކަމަށް އެ ޓީމުގެ ކޯޗް ލުއިސް ޕެލިފޭ ސްކޮލާރީ ބުނެފި އެވެ.

ގްރޫޕްގެ ފަހު ދެ މެޗުގެ ތެރެއިން ބްރެޒިލާ ދެކޮޅަށް ކެމަރޫން ކުޅޭ މެޗް އޮންނާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00ގައި ބްރެޒިލްގެ ވެރިރަށް ބްރަސީލިޔާގެ އެސްޓާޑިއޯ ނެޝިއޮނާލް ސްޓޭޑިއަމްގައެވެ. އަދި ހަމަ އެގަޑީގައި އެރީނާ ޕެންޓެނާލްގައި ކްރޮއޭޝިއާ ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ.

ކެމަރޫނާ ދެކޮޅަށް ބްރެޒިލް ނުކުންނައިރު ގްުރޫޕްގައި ބްރެޒިލް އޮތީ ދެ މެޗް ކުޅެގެން ލިބުނު ހަތަރު ޕޮއިންޓާ އެކު އެއް ވަނަ މަގާމްގައެވެ. ގްރޫޕްގެ ދެ ވަނަ މަގާމުގައި އޮތީ ދެ މެޗް ކުޅެ ހަތަރު ޕޮއިންޓާއެކު މެކްސިކޯއެވެ. ނަމަވެސް ގްރޫޕްގެ އެއް ވަނަ ބްރެޒިލްއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ބްރެޒިލްއާ ދެކޮޅަށް ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނުކުންނަ ކެމަރޫން މުބާރާތުގައި ކުޅުނު އެއް ވެސް މެޗަކުން އަދި މޮޅެއް ހޯދިފައި ނުވާއިރު، އެޓީމް ވަނީ ގްރޫޕްގެ ފުލުގައި އޮވެ މުބާރާތުން ކަޓައިފައެވެ. އަދި ގްރޫޕްގެ ތިން ވަނަ މަގާމްގައި ދެ މެޗް ކުޅެ ތިން ޕޮއިންޓާއެކު އޮތީ ކްރޮއޭޝިއާ އެވެ.

ބްރެޒިލްގެ ނޫސްތަކަށް ދިން އިންޓަވިއުގައި ސްކޮލާރީ ބުނީ، ގްރޫޕް ސްޓޭޖްގައި ކެމަރޫން ކުޅުނު ދެ މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް އެޓީމް މޮޅުވެފައި ނުވިއެއް ކަމަކު، އެ ޓީމަކީ ބަލި ޓީމެއް ކަމަށް ބްރެޒިލްގެ އެއްވެސް ކުޅުންތެރިއަކު ބަލައިގެން ނުވާނެ ކަމަށެވެ. އަދި ކެމަރޫނާ ދެކޮޅަށް ނުކުންނާނީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން ކަމަށާއި ކެމަރޫންގެ މަޗަށް ކުރިހޯދައި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ގަދަ 16އަށް ވާސިލް ވުމަކީ ބްރެޒިލްގެ އުންމީދެއް ކަމަށް ސްކޮލާރީ ބުންޏެވެ.

"ކެމަރޫން މެޗަކީ ބްރެޒިލްއަށް މުހިންމު މެޗެއް. ބްރެޒިލް ކުޅުންތެރިން ވިސްނަން ޖެހޭ އެއްކަމަކީ ކެމަރޫނަކީ ބަލިޓީމެއް ނޫންކަން،" ސްކޮލާރީ ބުންޏެވެ.

ސްކޮލާރީ ބުނީ، ކެމަރޫން މެޗަށް ނުކުންނައިރު އަނިޔާގެ މައްސަލަތަކެއް ޓީމުގައި ހުރި ކަމަށާއި ނަމަވެސް ނުކުޅެވޭ ވަރަށް އަނިޔާ ލިބިފައިވާ ކުޅުންތެރިކު އަދި މިވަގުތައް ޓީމުގައި ނެތް ކަމަށެވެ.