ލިވަޕޫލްގެ އުރުގުއާއީ ތަރި، ލުއިސް ސުއަރޭޒް ހޯދުމަށް ބާސެލޯނާއިން 56 މިލިއަން ޔޫރޯ ހުށަހަޅާފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނަންފަށައިފި އެވެ.

ބްރެޒިލް 2014ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް "ޑީ"ގައި އުރުގުއާއީ ކުޅުނު މެޗުގައި ސުއަރޭޒްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިފައިވާއިރު، އޭނާ ހޯދުމަށް މަޝްހޫރު ބޮޑެތި ކުލަބުތަކުން އަންނަނީ ހުށަހެޅުންތައް ހުށަހަޅަމުން ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސުއަރޭޒް ހޯދުމަށް ބާސާގެ އިތުރުން ދެން މަސައްކަތް ކުރަމުން އަންނަ މަޝްހޫރު އެއް ކުލަބަކީ ރެއާލް މެޑްރިޑް ކަަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ސުއަރޭޒް، ލިވަޕޫލާ ގުޅުނީ 2007 ވަނަ އަހަރު އެވެ. ލިވަޕޫލްއާ ގުޅުމަށް ފަހު، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފަ އެވެ.

އުމުރުން 27 އަހަރުގެ ސުއަރޭޒް ގެނައުމަށް ބާސާއިން މަސައްކަތް ކުރަމުން އަންނަ އިރު، ބާސާގެ ޗިލީގެ ފޯވާޑް އުމުރުން 25 އަހަރުގެ އެލެކްސް ސަންޗޭސް އެކުލަބުގައި މަޑުކުރާނެ ކަމާމެދު މިހާރު ވަނީ ސުވާލުތަކެއް އުފެދިފައި ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. ސަންޗޭސް ކުލަބު ދޫކޮށް ދާން ނިންމާފައިވާކަމުގެ އަޑުތަކެއް ވެސް މިދުވަސް ކޮޅު ފެތުރިފައިވާ ކަމަށް އެކުލަގެ އިސްވެރިންނާ ހަވާލާދީ މީޑިއާތަކުގެ ފަލަ ސުރުހީއަށް ވަނީ އަރައިފައެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް ނޫހުގައި ބުނެފަިއ ވަނީ ބާސާގެ ހުނަރުވެރި ފޯވާޑް ސަންޗޭޒްއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުލަބު ތަކުގެ ތެރޭގައި ލިވަޕޫލް އާއި އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ހިމެނޭ ކަމަށެވެ.