22 Jun 2014, 21:00
މޯލްޑިވިއަން އިން 50 ގޮނޑީގެ އިތުރު މަތިންދާ ބޯޓެއް މި އަންނަ މަހު 16 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފިއެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "ސަން" އަށް ވިދާޅުވީ އަންނަ މަހު ރާއްޖެ ގެންނަ އެ ކުންފުނީގެ ހަތް ވަނަ މަތިންދާ ބޯޓަކީ ޑޭޝް އަށެއްގެ 50 ގޮނޑީގެ މަތިންދާ ބޯޓެއް ކަމަށެވެ. އަދި އެބޯޓް ގެނައުމަށް ވަރަށް އަވަހަށް މޯލްޑިވިއަންގެ ކެޕްޓަނުން ކެނެޑާއަށް ދާނެ ކަމަށް ވެސް ހާރިޝް ވިދާޅުވި އެވެ.
މީގެ ކުރިން އެބޯޓް ގެނެވޭނެ ކަމަށް ޕުލޭން ކޮށްފައި ވަނީ ހުސްވި މެއި މަހުގެ ތެރޭގަ އެވެ.
ހާރިސް މީގެ ކުރިން ވިދާޅުވެފައި ވަނީ މޯލްޑިވިއަންއިން މަސައްކަތް ކުރަނީ ދިވެހިންނަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ކަމަށާއި އެބޯޓާ އެކު ދަތުރުތައް އިތުރު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި އެ ކުންފުންޏަށް ގެންނަ ޑޭޝް 8 މަރުކާގެ ހަތް ވަނަ ބޯޓާ އެކު އިތުރު ވަޒީފާތަކެއް ވެސް އުފެދިގެން އަންނާނެ ކަމަށް ވިދާޅުވި އެވެ.
އެ ކުންފުނީގެ އުދުހުންތަކުގައި މިހާރު ބޭނުންކުރަނީ އެއާބަސް 320އޭގެ މަތިންދާބޯޓަކާއި ޑޭޝް އަށެއް 200 މަރުކާގެ 36 ގޮނޑީގެ ދެ ބޯޓާއި ޑޭޝް އަށެއް 300 މަރުކާގެ، 50 ގޮނޑީގެ ހަތަރު ބޯޓެވެ.