ޓޫރިޒަމް އަދި ހޮސްޕިޓަލިޓީން އެންމެ މަތީ ފެންވަރުގެ ތައުލީމު ފޯރުކޮށްދޭ ސްވިޒަލޭންޑްގެ ކުންފުންޏެއް ކަމަށްވާ ސްވިސް އެޑިއުކޭޝަން ގްރޫޕް (އެސްއީޖީ)ގެ ކޯސްތަކުގެ ޕްރޮގްރާމް ހިންގައިދޭ "ބަވާ އޭޝިއާ"ގެ ދިވެހިރާއްޖޭގެ ޕާޓުނަރު ރީފްސައިޑުން އެސްއީޖީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރީފްސައިޑްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަވާ އޭޝިއާގެ ޑިރެކްޓާ ލޯ ސިއު ތިއާމް ވިދާޅުވީ، ސްވިޒަލޭންޑްގެ ހަ ސްކޫލެއްގައި އެސްއީޖީގެ ކޯސްތައް ކިޔެވުމުގެ ފުރުސަތު އޭލެވެލް ނިންމާ ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށެވެ.

އެގޮތުން ފުރުސަތު ލިބޭ ސްކޫލް ތަކުގެ ތެރޭގައި ދަ ސްވިސް ހޮޓެލް މެނޭޖްމަންޓް ސްކޫލް (އެސްއެޗްއެމްއެސް) އާއި ދަ ހޮޓެލް އިންސްޓިޓިއުޓް އޮފް މޮންޓްރެކްސް (އެޗްއައިއެމް) އާއި ސްކޫލް އޮފް ހޮޓެލް އެންޑް ޑިޒައިން މެނޭޖްމަންޓްގެ އިތުރުން ކެސާ ރިޓްޒް ކޮލެޖާއި ކުލިނަރީ އާޓްސް އެކަޑަމީ (ސީއޭއޭ) ހިމެނެ އެވެ.

ލޯ ސިއު ތިއާމް ވިދާޅުވީ، އެ ފަސް ކޮލެޖްގައި ކިޔެވުމުގެ ޖުމްލަ ކޯސް ފީއަކީ އަހަރަކަށް 30000 ޔޫއެސް ޑޮލަރު ކަމަށެވެ. ނަމަވެސް ކިޔަވާނެ ކޮލެޖެއް އިހުތިޔާރު ކުރާނީ ދަރިވަރު ކަމަށާއި އެގޮތުން އަގު ބޮޑު ނަމަ ލެޓްރިޔާ ކޮލެޖްގައި ވެސް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކޮލެޖްގެ ކޯސްފީ އަކީ އަހަރަކަށް އެންމެ 3000 ޔޫއެސް ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ރީފްސައިޑުން ބުނީ އެ ކޯސްތަކުގައި ބައިވެރި ކުރުމުގެ ހުރިހާ ކަމެއް ރީފްސައިޑުން ކުރާނެ ކަމަށެވެ. އެގޮތުން އިންޓަވިއު ކުރުމާއި ވިސާ ހޯދާ ދިނުންފަދަ ކަންކަން ރީފްސައިޑުން ކޮށްދޭނެ ކަމަށް ރީފްސައިޑުން ބުނެ އެވެ.

އެސްއީޖީގެ ކޯސްތަށް ފުރިހަމަ ކުރާ ފަރާތްތަކަށް ލިބޭ ސެޓްފިކެޓްގެ ސަބަބުން ޔޫރަޕް ފަދަ ބޮޑަތި ގައުމު ތަކުގެ ބޮޑަތި ހޮޓާ ތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެއެވެ.