22 Jun 2014, 20:04
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި މިއަދު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 2-1 ލަނޑުން މަހިބަދޫ ސްޕޯޓްސް މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ މަހިބަދޫއިންނެވެ. އެލަނޑު މެޗުގެ 38 ވަނަ މިނެޓުގައި މަހިބަދޫއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަލީ ރިސާމެވެ.
ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި މަހިބަދޫއަށް ލީޑް ފުޅާ ކޮށްދިން ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ޖުނައިދެވެ.
މިއަދުގެ މެޗުގައި މަހިބަދޫ ކޮޅަށް އޭވައިއެލްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ މިސްބާހެވެ.
މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަހިބަދޫ ސްޕޯޓްސްގެ އަލީ ރިސާމެވެ.
ލީގުގައި އޭވައިއެލް ކުޅުނު ފުރަތަމަ މެޗުން އެޓީމް ވަނީ ނިއު އަތުން 7-0 ލަނޑުން ބަލިވެފައެވެ. އަދި ލީގުގައި މަހިބަދޫ ކުޅުނު ފުރަތަމަ އީގަލްސްއަތުން ބަލިވީ 6-1 ލަނޑުންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މަހިބަދޫ ޓީމުގެ ކޯޗް މުހައްމަދު ސިއާޒް (މޯހަން) ބުނީ، ޓީމުގެ ކުޅުންތެރިންގެ ފަރާތުން މިއަދު ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށާއި މިނަތީޖާ އަކީ ފުރަތަމަ ޑިވިޝަންއަށް މަހިބަދޫ ދަތުރު ކުރި ފަހުން މޮޅުވި ފުރަތަމަ މެޗް ކަމަށެވެ.
މެޗުން ބަލިވި އޭވައިއެލްގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ބުނީ، ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފުންނަމަ ނަތީޖާ މިއަށް ވުރެ، ރަނގަޅުވިސް ކަމަށާއި ފުރަތަމަ ހާފަށް ވުރެ، ދެ ވަނަ ހާފުގައި ޓީމުން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތު ތަކުގެ ބޭނުން ކުޅުންތެރިންނަށް ހިފިފައި ނުވާކަަމަށް ނާދު ބުންޏެވެ.
ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު 4:00ގައި ބައްދަލުކުރާ ދެޓީމަކީ ނިއު އާއި ވިކްޓަރީ އެވެ.