22 Jun 2014, 17:40
ތައިލެންޑުގެ ސިފައިން ބަޣާވާތަކުން ވެރިކަމާ ހަވާލުވުމާއެކު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމަށް ދަތުރުކުރުމުގައި ސަލާމުވުމަށް ދިވެހި ސަރުކާރުން ނެރުނު އެލާޓް މިއަދު ނަގައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތައިލެންޑަށް ދަތުރުކުރުމުގައި ސަމާލުވާން ނެރުނު އެލާޓް ނެގީ އެ ގައުމުގެ ހާލަތު މިހާރު ރަނގަޅުވެފައި ވާތީ ކަމަށެވެ.
"މިދިޔަ މޭ މަހުގައި ތައިލެންޑުގެ ހާލަތު އޮތްވަރަށް ވުރެ، މިއަދު އެ ގައުމުގެ ހާލަތު ވަނީ ރަނގަޅުވެފަ އެވެ. އެ ސަބަބަށްޓަކައި އެލާން ނަގަން ނިންމީ އެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
ތައިލެންޑްގައި މިދިޔަ މަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ދިވެހިން އެ ގައުމަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް ސަރުކާރުން ސަރުކާރުން އެލާޓް ނެރުނީ މިދިޔަ މަހުގެ 25 ގަ އެވެ.
ތައިލެންޑް ސިފައިން އެގައުމުގައި މިލިޓަރީ ސަރުކާރެއް ގާއިމްކުރީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެގައުމުގެ ގާނޫނު އަސާސީ ސަސްޕެންޑްކޮށް، ޕާލަމެންޓްގެ ތިރިގެއާއި މަތިގެ ވެސް ސިފައިން މިހާރު ވަނީ އުވާލާފަ އެވެ. އަދި އެގައުމުގެ ސިޔާސީ އިސްފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ. މިއީ 1932 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތައިލެންޑް ސިފައިން ވެރިކަމާ ހަވާލުވި 12 ވަނަ ފަހަރެވެ. ތައިލެންޑް ސިފައިން މިފަހަރު އެގައުމުގެ ވެރިކަމާ ހަވާލުވީ ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ، ގައުމު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި އޮންނަތާ ހަ މަސް ދުވަހަށް ވުރެ ގިނަވިފަހުންނެވެ. މީގެ ކުރިން ތައިލެންޑް ސިފައިން އެގައުމުގެ ވެރިކަމާ ހަވާލުވި ފަހަރުތަކުގައި ސިޔާސީ ގޮތުން ގައުމު ހަމަޖެހުމުން މަދަނީ ސަރުކާރެއް ގާއިމްކުރަން ޖާގަދީފައިވެ އެވެ.