22 Jun 2014, 15:42
މަޖީދީ މަގުގައި ހުންނަ އުރީދޫ އޮފީހުގެ ތިޖޫރީ ފަޅާލައިގެން 100،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
އުރީދޫގެ އޮފިޝަލަކު ވިދާޅުވީ އެވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ފުލުހުން އެ މައްސަލަ ބަލަމުންދާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުރީދޫ އޮފީހުގެ ތިޖޫރީ ފަޅާލައިގެން ވައްކަން ކޮށްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 8:25 ގައި ކަމަށެވެ. އަދި އުރީދޫ އޮފީހުގެ ތިޖޫރީން 100000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މިހާތަނަށް އެ ފައިސާތައް ހޯދިފައިވެސް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލަ ދަނީ ފުލުހުން ތަހުގީގް ކުރަމުންނެވެ.