މިއަހަރުގެ ވޯލްޑް ކަޕުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދަމުންދާ ޓީމަކީ ފްރާންސްއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެ ޓީމު ކުޅުނު މެޗުތަކުން ހޯދަމުންދާ ނަތީޖާތަކާ މެދު މީޑިޔާގައި ގިނަ ވާހަކަތަކެއް ދެކެވި އެޓީމަށް ތައުރީފްކުރާ އިރު، އެ ޓީމުން ހޯދާ ކާމިޔާބީގެ ސިއްރަކީ މީގެ ހަތަރު އަހަރު ކުރިން ލިބުނު ހިތްދަތި ނަތީޖާކަމަށް ވެދާނެ އެވެ. މީގެ ހަތަރު އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕް 2010ގައި ފްރާންސް ޓީމު ބައިބައިވި އިރު، މި ފަހަރު ފްރާންސް އިން ވަނީ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ވަރުގަދަ ރޫހެއްގައި ތިބިކަން ދައްކުވައިދީފަ އެވެ.

ސައުތު އެފްރިކާގައި 2010ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ފްރާންސް ޓީމު ނުކުތްއިރު، އޭރު ވެސް އެ ޓީމު ހިމެނުނީ އެ މުބާރާތުގެ ފޭވަރިޓް ޓީމެއްގެ ގޮތުގަ އެވެ. ނަމަވެސް އޭރު ސްކޮޑައި ތިބި ކުޅުންތެރިން ބައިބައިވެ، ބައެއް ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހަދާފައި ވެއެވެ.

ވޯލްޑް ކަޕް 2010ގެ ގްރޫޕް ސްޓޭޖުގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި އޭރު ފްރާންސްގެ ކޯޗުކަމުގައި ހުރި ރޭމޮންޑް ޑޮމިނިކްއާ ދިމާލަށް ހުތުރު ބަސްތަކެއް ބޭނުންކޮށް އޭނާއަށް ދިމާކުރުމުން ނިކޮލަސް އަނެލްކާ ވަނީ ސްކޮޑުން ވަކިކޮށްފަ އެވެ. ޓީމުގެ މުހިންމު ފޯވަޑެއްގެ ގޮތުގައި ހުރި އަނެލްކާ ދުރުކުރުމާ ގުޅިގެން ފްރާންސް ޓީމު ތެރޭގައި ގިނަ މައްސަލަތަކެއް ޖެހެން ފެށިއެވެ.

މިއަހަރުގެ މުބާރާތަށް ފްރާންސް ނުކުތް އިރު، ސްކޮޑުގައި ވޯލްޑް ކަޕް 2010 ގައި ފަރިތަކުރުންތަކަށް ދެކޮޅުހެދި ކުޅުންތެރިން ވެސް ހިމަނާފައި ވެއެވެ. 2010ގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފަހު މެޗުގައި ސައުތު އެފްރިކާ އަތުން ބަލިވެ، ފްރާންސް ޓީމަށް ޖެހުނީ އަނެލްކާއާ އެކު ޗުއްޓީ ހޭދަކޮށްލާށެވެ.

ވޯލްޑް ކަޕް 2010ގައި ފްރާންސްއަށް ކުރިމަތިވި މައްސަލައާ ގުޅިގެން ލިބުނު ނާކާމިޔާބަކީ 2006ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ޓީމަށް ލިބުނު އެންމެ ބޮޑު އެއް ނާކާމިޔާބެވެ. ވޯލްޑް ކަޕް 2010އަކަށްފަހު، ފްރާންސް ޓީމުގެ އޮފިޝަލުން ޓީމުން ވަކިވި އިރު، ބައެއް ކުޅުންތެރިންނަށް ވަނީ ސަސްޕެންޝުގެ ބިރު ދައްކައިފަ އެވެ.

އެއްވެސް މެޗަކުން މޮޅުނުވެ 2010ވަނަ އަހަރުގެ މުބާރާތުން ކެޓި ފްރާންސް ޓީމުގެ ކެޕްޓަންގެ ގޮތުގައި ހުރި ޕެޓްރީސް އެވްރާއަށް ވެސް އެ ދުވަސްކޮޅު ފާޑުކިޔުންތައް އަމާޒުވެފައިިވެ އެވެ. މިއަހަރުގެ މުބާރާތުގައި ފްރާންސްގެ ސްކޮޑުގައި ހިމެނޭ އެވްރާއަށް ގައުމީ ޓީމަށް މުޅި އުމުރު ދުވަހު ނުކުޅެވޭ ގޮތަށް ހަދައިދިނުމަށް ގޮވާލި އެކަކީ 1998ވަނަ އަހަރުގެ ވޯލްޑް ކަޕު ފްރާންސްއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިއެއް ކަމަށްވާ ލިލިއަން ތުރާމް އެވެ. 2010ގެ މުބާރާތުގައި ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅު ހެދި ކުޅުންތެރިންގެ ތެރޭގައި އެވްރާ ވެސް ހިމެނެ އެވެ.

އޭރު ހިނގި ހާދިސާއާ ގުޅިގެން ފްރާންސް ފުޓްބޯލް ފެޑެރޭޝަނުން މައްސަލަ ބެލި ފަސް ކުޅުންތެރިންގެ ތެރޭގައި އެވްރާ ހިމެނެ އެވެ. އެ މައްސަލަ ބެލުމަށްފަހު، ފްރާންސް ފުޓްބޯލް ފެޑެރޭޝަނުން ނިންމީ ފަސް މެޗަށް އެވްރާ ސަސްޕެންޑް ކުރުމަށެވެ. އެ ހާދިސާއާ ގުޅިގެން ޓީމުގެ ކޯޗު ޑޮމިނިކް އިސްތިއުފާ ދިން އިރު، އަދިއަދަށް ދާންދެން ވެސް އެހެން ޓީމެއްގެ މެނޭޖްމެންޓުން އޭނާ ފެނިފައެއް ނުވެއެވެ.

ބޮޑު ނާކާމިޔާބަށް ފަހު، ދެން ފްރާންސް ޓީމާ ހަވާލުވީ 1998 ވަނަ އަހަރު ފްރާންސް އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް ކުޅުންތެރިއެއްގެ ގޮތުގައި އެހީތެރިވެދިން ލޯރެންޓް ބްލޭންކް އެވެ. ފްރާންސްގެ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދިނުމަށް، އެ ޓީމާ ހަވާލުވެ ބްލޭންކް ވަނީ ޔޫރޯ 2012 ގައި އެ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދައިދީފައެވެ. ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ، ފްރާންސް ބަލިވީ ޗެމްޕިއަން ސްޕެއިން އަތުން ކުއާޓާ ފައިނަލުންނެވެ. އޭގެ ފަހުން ބްލޭންކް ވަނީ ފްރާންސް ޓީމުގައި ރޫހެއް ނަތްކަމުގައި ބުނެ މަގާމުން އިސްތިއުފާ ދީ، ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)ގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

މިހާރު ފްރާންސް ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރީ 1998ގެ ވޯލްޑް ކަޕާއި ޔޫރޯ 2000 ކާމިޔާބުރި ޓީމުގެ ކެޕްޓަން ޑިޑިއާ ޑެޝޯމްސް އެވެ. އޭނާ ހަވާލުވުމަށް ފަހު، ފްރާންސް ޓީމުން މިހާރު ފެންނަމުންދަނީ ވަރުގަދަ ރޫހަކާ އެކު ކުޅޭ ތަނެވެ. ޑެޝޯމްސްގެ ކޯޗުކަމުގައި ކުޅެމުންދާ ފްރާންސް ޓީމު މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ދެ މެޗުން މޮޅުވެ، ޖުމްލަ އަށް ލަނޑު ކާމިޔާބުކޮށްފައި ވެއެވެ. އަދި މިހާރު އެ ޓީމަށް ވަނީ މުބާރާތުގެ ގަދަ 16 އިން ވެސް ޖާގަ ލިބިފަ އެވެ.

މިހާރު ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕުގައި ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ހޮންޑިއުރަސް އަތުން 3-0 ލަނޑުން މޮޅުވެފައިވާ އިރު، ދެވަނަ މެޗުގައި ސްވިޒަލޭންޑް އަތުން މޮޅުވީ 5-2 ލަނޑުންނެވެ. އެގޮތުން ސްވިޒަލޭންޑް ކޮޅަށް ފްރާންސް އިން ކާމިޔާބުކުރި ލަނޑުތަކަކީ އެ ޓީމުގެ ތަފާތު ފަސް ކުޅުންތެރިން ކާމިޔާބުކުރި ފަސް ލަނޑެވެ. އެހެންކަމުން މިކަމުން ދައްކުވައިދެނީ ޓީމުގެ އެއްބައިވަންތަކަމާއި މޮޅުވުމަށް އޮތް ރޫހެވެ.

މިހާރު އުފެދޭ ސުވާލަކީ މުބާރާތުގައި ފްރާންސް ޓީމުން ދަމަހައްޓަމުންދާ ކާމިޔާބާއެކު ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ހޯދިދާނެތޯ އެވެ. މިހާރު ޓީމުގައި އޮތް ރޫހާއެކު ކުރިއަށް ދާ ނަމަ، އެޓީމުން 1998ވަނަ އަހަރު ހޯދި ކާމިޔާބު މި ފަހަރުވެސް ހޯދިދާނެކަމާ މެދު ޝައްކެއް ނެތެވެ.