22 Jun 2014, 15:38
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުސްވެފައިވާ ކޯޗު ކަމުގެ މަގާމަށް ވިކްޓަރީގެ ކުރީގެ ކޯޗު އަލީ ސުޒޭން ހަމަޖައްސައިފި އެވެ.
އެފްއޭއެމްގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމްސްގެ މަގާމުގައި ހުރި ސުޒޭން އެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު މާޒިޔާގެ ކޯޗު ކަމާ މިއަދު ހަވާލުވީ، އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
މާޒިޔާގެ ކޯޗު ކަމުގެ މަގާމު ހުސްވީ، ފާއިތުވެ ދިޔަ އަށް އަހަރު ދުވަހު އެޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި އިސްމާއީލް މަހުފޫޒް (އިންމަ) މި ސީޒަނުގެ ދިރާގު ދިވެހި ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗަށް ފަހު ކޯޗު ކަމުން އިސްތިއުފާ ދިނުމުންނެވެ. ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބާ ވާދަކޮށް މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރު ވެގެންނެވެ.
އެފްއޭއެމްގެ ރައީސް ކަމަށް އިލްހާމް އަހްމަދު އިންތިހާބުވުމާ ގުޅިގެން އެ އިދާރާގެ އެކިއެކި މަގާމުތަކަށް ގެނައި ބަދަލުތަކާއެކު ސުޒޭން ވަނީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފަ އެވެ.
މާޒިޔާއާ އެކު އެއްބަސް ވުމުގައި ސޮއިކުރުމަށް މިއަދު މަޒާޑާ ރެސްޓޯރަންޓުގައި ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، އެ ޓީމާ ހަވާލުވީ، ރާއްޖޭގެ ފުޓްބޯޅައަށް އިތުރަށް ޚިދުމަތް ކުރަން ބޭނުންވާތީ ކަމަށެވެ.
"އަޅުގަނޑު މި ކްލަބާ ހަވާލުވީ، ރާއްޖޭގެ ފުޓްބޯޅައަށް އިތުރަށް ހިދުމަތް ކުރަން ބޭނުންވާތީ. އަދި މާޒިޔާ ފަދަ ރަނގަޅު މެނޭޖްމަންޓެއް އޮތް ބޮޑު ކްލަަކުން ފުރުސަތު ލިބުމުން،" ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ ތަޖުރިބާކާރު ދިވެހި ކޯޗު ބުންޏެވެ.
ވިކްޓަރީގެ ކޯޗް ކަމުގައި ގިނަ އަހަރުތަކެއް ހޭދަކޮށް ބޮޑެތި ކާމިޔާބުތަކެއް ހާސިލް ކޮށްފައިވާ ކޯޗު ބުނީ، މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކްލަބު ކަމަށާއި އެ ކްލަބާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.
"މި ކްލަބަކީ ގައުމީ ޓީމުގެ ވެސް ގިނަ ކުޅުންތެރިން ތަކެއް ތިބި ކްލަބެއް. އެހެން ކަމުން މި ސީޒަންގައި މާޒިޔާއާ އެކު ރަނގަޅު ކާމިޔާބުތަކެއް ހޯދޭނެ ކަމާމެދު ޝައްކެއް ނުކުރަން،" މާޒިޔާގެ އާ ކޯޗު ބުންޏެވެ.
ސުޒޭންގެ ކޯޗު ކަމުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ ދިރާގު ދިވެހި ލީގުގެ މެޗުގައި މާޒިޔާ ނުކުންނާނީ ކްލަބު ވެލެންސިޔާއާ ދެކޮޅަށެވެ.