ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން 13 ރަށެއްގައި ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް ހަ ފަރާތަކާއި ހަވާލުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ކޮންޓްރެކްޓްގައި ސޮއިކޮށް، އެ ފަރާތްތަކާ ކޮންޓްރެކްޓް ހަވާލުކޮށްދެއްވީ ކުޅިވަރާއި ބެހޭ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ. މިއަދު ދަނޑުތައް ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ބެސްޓް ޕްރައިސް ހާޑްވެއާ އަށާއި، މައްސާޙް ކޮންސްޓްރަކްޝަނަށާއި، ގޮތިކް ކޮންސްޓްރަކްޝަނަށާއި ބިލްޑިއާ ކޮންސްޓްރަކްޝަނަށާއި، ކާފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް އަދި ލޯން ސްޓާ ޓްރޭޑިންގް އަށެވެ.

ޖަމްލަ 16.9 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ފުޓްސަލް ދަނޑުތައް ތަރައްގީކުރުމަށް ސަރުކާރުން އެ ފަރާތްތަކާއި ހަވާލުކުރި 13 ރަށަކީ ހއ.ކެލާ އާއި، ރ.އަލިފުށްޓާއި، ކ.ކާށިދޫ އާއި، ހއ.އިހަވަންދޫ އާއި، ހއ.ހޯރަފުށްޓާއި، ލ.ގަމާއި، ލ.ފޮނަދޫ އާއި، ށ.ފުނަދޫ އާއި، ށ.މިލަންދޫ އާއި، ދ.ކުޑަހުވަދޫ އާއި، ގދ.ގައްދޫ އާއި، ބ.އޭދަފުށީގެ އިތުރުން އދ.މާމިނގިއްޔެވެ.

މި 13 ރަށުގެ ތެރެއިން ބެސްޓް ޕްރައިސް ހާޑްވެއާ އަށް ހަވާލުކޮށްފައި ވަނީ ހއ.ކެލާ އާއި، ރ.އަލިފުށްޓާއި، ކ.ކާށިދޫގެ ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށެވެ. މައްސާޙް ކޮންސްޓްރަކްޝަނަށް ހއ.އިހަވަންދޫ އާއި، ހއ.ހޯރަފުށީގެ ދަނޑު ތަރައްގީ ކުރުމަށް ހަވާލުކުރި އިރު، ލ.ގަމާއި، ލ.ފޮނަދޫގެ ދަނޑު ތަރައްގީކުރުމަށް ހަވާލުކުރީ ގޮތިކް ކޮންސްޓްރަކްޝަނަށެވެ.

ބިލްޑިއާ ކޮންސްޓްރަކްޝަނަށް ށ.ފުނަދޫ އާއި، ނ.މިލަންދޫގެ ދަނޑު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވާއިރު، ދ.ކުޑަހުވަދޫ އާއި، ގދ.ގައްދޫގެ ދަނޑު ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ކާފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި ލޯން ސްޓާ ޓްރޭޑިންގް އަށް ހަވާލުކުރީ ބ.އޭދަފުށްޓާއި އދ.މާމިނގިލީގެ ފުޓްސަލް ދަނޑު ތަރައްގީކުރުމަށެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން 18 ރަށެއްގައި 19 ފުޓްސަލް ދަނޑު ތަރައްގީކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފަ އެވެ.