22 Jun 2014, 15:28
ވޯލްޑް ކަޕުގައި މިރޭ ރަޝިއާ އާ ދެކޮޅަށް ކުޅޭ މެޗު ޑޮމިނޭޓްކޮށް މޮޅުވާން މަސައްކަތް ކުރާނެ ކަމަށް ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ބުނެފި އެވެ.
ވިލްމޮޓްސް ބުނީ، އަލްޖީރިއާ މެޗުން ފެނުނު މިސްޓޭކްތައް ނުފެންނާނެ ކަމަށާއި މިހާރު އިދިކޮޅަށް ނުކުންނަ ޓީމްތައް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ. ބެލްޖިއަމް އެންމެ ފަހުން ކުޅުނު މެޗުން އެ ޓީމު 2-1 ލަނޑުން ކާމިޔާބުކުރީ އަލްޖީރިއާއިން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައެވެ.
މިރޭގެ މެޗުން މޮޅުވެގެން ބެލްޖިއަމްއަށް ގަދަ 16ގެ ޖާގައެއް ކަށަވަރުވާ މި މެޗުގައި އަލްޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގައި ބެލްޖިއަމް ކުޅުންތެރިންގެ ފަރާތުން ފެނުނުު ކުޅުން ފެންނާނެ ކަމަށް ވިލްމޮޓްސް ބުންޏެވެ.
"ކޮރެއާ އާ ދެކޮޅަށް ރަޝިއާ ކުޅުނު މެޗު އަހަރެން ބެލިން. އެމީހުން ޓެކްޓިކަލީ ކުޅޭލެއް ވަރަށް ވަރުގަދަ." ބެލްޖިއަމްގެ ކޯޗު ބުންޏެވެ.
ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި އެންމެ ފަހުން ބެލްޖިއަމް ކުޅުނު ހަތް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބެލްޖިއަމް ވަނީ މޮޅުވެފައެވެ. ގްރޫޕް އެޗްގައި ރަޝިއާ އާ ދެކޮޅަށް ބެލްޖިއަމް ނުކުންނާނީ މިރޭ 9:00 ގައެވެ.