22 Jun 2014, 14:39
ވެލިދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި އެ ކައުންސިލްގެ މެމްބަރު މުހައްމަދު އަލިފުޅު ކައުންސިލް މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލް ރައީސް އަސްމާ ހުސައިން ވިދާޅުވީ މުހައްމަދު އަލީ ކައުންސިލްގެ ނައިބް ރައީސް ކަމުގެ މަގާމުންނާއި ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިއަދު ހެނދުނު ކަމަށެވެ.
"ކައުންސިލްގެ ނައިބް ރައިސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ކައުންސިލްގެ ނައިބް ރައީސް ކަމުގެ މަގާމުން އަދި ކައުންސިލް މެންބަރު ކަމުން ވެސް ވަނީ އިސްތިއުފާ ދެއްވަފައި. އެބޭފުޅާ އިސްތިއުފާ ދެއްވީ މިއަދު ހެނދުނު،" އަސްމާ ވިދާޅުވި އެވެ.
އަސްމާ ވިދާޅުވީ މުހައްމަދު އަލީގެ އިސްތިއުފާގެ ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އަދި އެ ސިޓީގައި އިސްތިއުފާ ދެއްވި އެއްވެސް ސަބަބެއް ބަޔާން ކުރައްވާފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ ނައިބް ރައީސްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގަތުމުން ނައިބް ރައީސަށް ގުޅުއްވި ކަމަށާއި އެހެން ނަމަވެސް ފޯން ޖަވާބު ދެއްވަފައިނުވާ ކަމަށެވެ.
އަސްމާ އިތުރަށް ވިދާޅުވީ ކައުންސިލްގެ ނައިބް ރައީސް މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެއްވެސް ވަރަކަށް އޭނާއާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ކައުންސިލްގެ ނައިބް ރައީސް މަގާމުންނާއި ކައުންސިލް މެންބަރުން ކަމުން އިސްތިއުފާ ދެއްވަން ޖެހޭފަދަ އެއްވެސް ކަމެއް ދިމާވެފައި ނުވާ ކަމަށް އަސްމާ ވިދާޅުވި އެވެ.
އަސްމާ ވިދާޅުވީ ކައުންސިލްގެ ނައިބް ރައީސް މަގާމުންނާއި ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާތީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.