އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާ (އޯޔޫއެމް)ގެ އެހީގައި ސްކޫލްތަކުގައި ކިޔަވައި ދިނުމަށް 2000 ޓީޗަރުން ތަމްރީމް ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އައިޝަތު ޝުހާމް ވިދާޅުވީ ސްކޫލްތަކުގައި މިހާރު ތިބި ޓީޗަރުންނާއި ސްޕަވައިޒަރުން އަދި ޕްރިންސިޕަލުންގެ ތެރޭގައި އިތުރަށް ތަމީން ކުރަން ޖެހޭ މީހުން އެބަތިބި ކަމަށެވެ. އަދި އެބޭފުޅުންނަށް އިތުރު ތަމްރީނު ދިނުމުން އެކަމުގެ ފައިދާ ސްލޫކް ކުދިންނަށް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސްކޫލްތަކުގެ ހެޑް ޓީޗަރުންނާއި ސުޕަވައިޒަރުންނާއި އަދި ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ވާހަކަ އަޅުގަނޑުމެން ކުރިން ވާނީ ދަންނަވާފައި. އެގޮތުން މެލޭޝިޔާގެ ޔުނިވާސިޓީ އެއް ކަމަށްވާ އޯޔޫއެމްއާ އެކު އަޅުގަނޑުމެން މަޝްވަރާތައް ކުރިއަށްގެންދިޔައިން. އެ މަޝްވަރާގައި އަޅުގަނޑުމެންނަށް ފެނުނީ ސްކޫލްތަކުގައި މިހާރު ތިބި ޓީޗަރުންގެ ތެރެއިން އިތުރަށް ތަމްރީން ކުރަން ޖެހޭ ޓީޗަރުން ތިބިކަން. އެގޮތުން މިހާރު ސްކޫލްތަކުގައި ތިބި ޓީޗަރުންގެ ތެރެއިން 2000 ޓީޗަރުން ތަމްރީން ކުރަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ފާހަނގަ ކުރެވުނީ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ސްކޫލްތަކުގައި ތިބި ޓީޗަރުންނާއި ސުޕަވައިޒަރުން އަދި ޕްރިންސިޕަލުން ތަމްރީން ކުރާނީ އެ މީހުންގެ މަސައްކަތުގެ މާހައުލުގައި ކަމަށެވެ.